ޚަބަރު

އިންޑަސްޓްރިއަލް ވިލެޖް މިނިވަން ދުވަހު ހުޅުއްވުމަށް ނިންމަވައިފި


މާލޭ ހުޅަނގު ދެކުނު ބަނދަރުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ނިންމަވާ، އެތަން މިނިވަން ދުވަހަށް ހުޅުއްވުމަށް ހައުސިން މިނިސްޓްރީން ނިންމަވައިފިއެވެ.

މާލޭ ހުޅަނގު ދެކުނު ފަރާތުން 4.5 ހެކްޓަރުގެ ބިން ހިއްކެވުމަށްފަހު، އެ ތަނުގައި އިންޑަސްޓްރިއަލް ވިލެޖެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރަމުން އަންނަނީ، އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެންނެވެ. މާލޭގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖަކީ، މާލެއިން ކުނި ބޭރުކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާ، މާލެތެރޭގައި ހުރި އެކި ކަހަލަ ކެމިކަލް ގުދަން ތަކާއި، އެފަދަ އެހެނިހެން މަސައްކަތަކަށް ޚާއްސަކުރައްވައިގެން ތަރައްޤީކުރައްވާ ތަނެކެވެ. އަދި ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ ރެޑީ މިކްސް މަޝްރޫޢުވެސް ފައްޓަވަން ނިންމަވާފައިވަނީ، މި ތަނުގައެވެ. 170 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

އެތަނުގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް، ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު މިއަދު އެތަނަށް ޒިޔާރަތްކުރައްވާ ވިދާޅުވީ، މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ކުރައްވާ އިންވެސްޓްމަންޓަކަށް ވުމުން، މި ބިމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންޑަސްޓްރިއަލް ވިލެޖްގައި ބައެއް މަގުތައްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ފެނާއި ނަރުދަމާވެސް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އިންޑަސްޓްރިއަލް ވިލެޖަކީ މާލޭގެ އެންމެ ފެހި ސަރަޙައްދަށް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.