ޚަބަރު

ސާނަވީ ނިންމާފައިވާ އަދި މަތީ ސާނަވީގެ ދަރިވަރުންނަށް ޚުޠުބާކިއުމުގެ ހުއްދަދެނީ


  • ރީތިކޮށް ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ކޮންމެ ކުއްޖަކަށްވެސް ހުކުރު ކުރެވޭނެ

  • މިއީ، ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް

ސާނަވީ ނިންމާ ދަރިވަރުންނަށާއި މަތީ ސާނަވީ ދަރިވަރުންނަށް އިމާމުވެ، ހުކުރު ނަމާދުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދެއްވުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ނިންމުން ނިންމާފައި މިވަނީ ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ގްރޭޑު 10، 11 އަދި 12 ގެ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދެއްވުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ނިންމަވާފައިވާ ކަމަށެވެ.

މިޣެ ކުރިން ޚުތުބާ ކިޔުމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވަނީ ވަކި ސަނަދަކާއިއެކުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުކުރު ޚުޠުބާ ޓީވީން ދައްކާއިރު، އޭގެ އިނގިރޭސި ތަރުޖަމާ ފެންނަގޮތަށް ހެދުމަށްވެސް ނިންމަވާފައެވެ. އެގޮތުން، އަންނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން، ޓީވީން ޚުޠުބާ ދައްކާއިރު، އިނގިރޭސި ސަބްޓައިޓަލް އެރުވުމަށް އެވުޒާރާއިން ވަނީ ނިންމަވާފައެވެ.