އަންނަ އަހަރުގެ ސްކޫލްތަކުގެ އެތުލެޓިކްސް މުބާރާތް އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.
މުބާރާތް އައްޑޫ ސިޓީގައި ބޭއްވުމާއި ގުޅޭގޮތުން މިދިޔަ ހަފުތާގައި އެތުލެޓިކްސް އެސޯސިއޭޝަނުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. ކައުންސިލުން ބުނީ މީގެ ވެސް ކުރިން އައްޑޫގައި އިންޓަސްކޫލް އެތުލެޓިކްސް މީޓް ވަރަށް ފުރިހަމަކޮށް ބާއްވާފައިވާ ކަމަށާއި އަންނަ އަހަރުގެ މުބާރާތް ވެސް ބާއްވަން ކައުންސިލުން ދެވެން އޮތް ހުރިހާ އެއްބާރުލުކަމާއި އެހީތެރި ކަމެއް ދޭނެ ކަމަށެވެ.
އަންނަ އަހަރުގެ އެތުލެޓިކްސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމްގަ އެވެ. މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 11-16 ގެ ނިޔަލަށެވެ.
މި އަހަރުގެ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް ބާއްވާފައިވަނީ ފުވައްމުލަކުގައެވެ. އެއީ ފެބްރުއަރީ މަހުގެ 5-10 އަށެވެ.
އެތްލެޓިކްސް އެސޯސިއޭޝަނުގެ އެހީއާއެކު މިއަހަރު ވަނީ ކުޅުދުއްފުށި ސިޓީގައި ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާފައެވެ. އެ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަޤާމު ހޯދީ އިބްރާހީމް ނާހިލް ނިޒާރާއި އަހުނާ ނިޒާރެވެ.
މިއީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތުލެޓިކްސްގެ އިވެންޓެވެ. މުބާރާތުގައި 1124 އެތްލީޓުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވާދަކޮށްފައެވެ. އަދި 28 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ.