ޚަބަރު

އުންމީދީ ބަދަލުތަކާއެކު މަސްވެރިކަމުގެ ސިނާޢަތް ނަގާ ކޮޅަށް ޖެހުމުގެ ޢަމާޒަށް


  • މިއަދު މިއީ މަސްވެރިންގެ ދުވަސް

  • މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ރާވާފައިވޭ

  • ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ނިންމާފައި

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. މި ނިނާއަތަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ސިނާއަތެކެވެ. މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުންތަކުން މަސައްކަތްތަކެއްް ކުރިނަމަވެސް، ޒަމާނުއްސުރެ ހުރި އެ ސިނާއަތުގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ގެނެވިފައެއް ނުވެއެވެ. ކޮންމެ ސަރުކާރެއްވެސް އަންނަނީ މަސްވެރިންނަށް ނުހަނު ގިނަ ވަޢުދާއެކުއެވެ. ނަމަވެސް ސަރުކާރުތައް ނިމިގެންދަނީ އެ ވަޢުދުތަކުގެ މާބޮޑު ބައެއް ކާމިޔާބު ނުކުރެވިއެވެ. މިއާއެކު މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބިދާނެކަމަށް ކުރާ އުންމީދު މިހާތަނަށް އޮތީ ވަރަށް ފަނޑުކޮށެވެ. ނަމަވެސް އައު ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް އެކަށައަޅަފައިވާ ސިޔާސަތުތަކާއި ގެނައުމަށް ކަނޑައަޅާފައިވާ ބަދަލުތަކާއި ގުޅިގެން މަސްވެރިންނަށް މިހާރު މިވަނީ އައު ޢުންމީދެއް ލިބިފައެވެ. މިދާއިރާގެ މައްސަލަތައް ހައްލުކުރެވޭނެކަމަށް އޮތް އުންމީދުވެސް ބޮޑެވެ. ސަބަބަކީ ސަރުކާރަށް މިވީ ކުރު މުއްދަތުގެތެރޭގައިވެސް މިކަމުގެ ކުލަވަރުތައް ފެންނާންފެށުމެވެ.


ރާއްޖޭގެ މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އައު ސަރުކާރާއި އެކު މަސްވެރިން ތިބީ މި ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމުގެ ފޮނި އުންމީދުގައެވެ.

ރައީސުލްޖުމްހުރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ގެންނެވި ބަދަލުތަކުގެތެރޭގައި ފިޝަރީޒް މިނިސްޓްރީ އާއި އެގްރިކަލްޗަރ މިނިސްޓްރީ ވަކިކުރެވުން ހިމެނެއެވެ. މި ބަދަލު ގެނެސްފައިވަނީވެސް މަސްވެރިކަމަށް ޚާއްޞަ މިނިސްޓްރީއެއްގެ މުހިއްމު ކަމަށް ދެކެވަޑައިގެންނެވެ. މިއާ އެކު މިހާރު ފިޝަރީޒް މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ނުވަތަ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއެވެ. މަސްވެރިކަމާއި ގުޅޭ ވުޒާރާ ހަވާލުކުރެއްވީވެސް އެ މަސައްކަތަށް ޤާބިލް ބޭފުޅަކާއެވެ. އެގޮތުން ކުރީގެ މަޖިލީސް މެމްބަރު އަޙުމަދު ޝިޔާމަކީ މަޖިލީހުގައިވެސް މަސްވެރިންގެ ހައްޤުގައި އެންމެ ގިނައިން ވަކާލާތު ކުރައްވާ އެއް ފަރާތެކެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ނައިފަރަކީވެސް މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ.

ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިން މަސް ކިރުވުމަށްފަހު މިފްކޯއިން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭތާ 2 މަސްދުވަސްވަނީ ވެފައެވެ. އެގޮތުން 200 މިލިއަނެއްހާ ރުފިޔާ ހުރީ ނުދެވިއެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ކެމްޕެއިންގެ ދުވަސްވަރު މަހުގެ އަގު ކިލޯއެއް 25 ރުފިޔާއަށް އޭރުގެ ސަރުކާރުން ބޮޑުކުރުމެވެ. އެކަންވީ މިފްކޯއަށް ތަހައްމަލު ކުރަން އުނދަގޫވި ރިހުމަކަށެވެ. މިފްކޯ ގެއްލުމުގައި ހިންގަމުންދާއިރު، އެ އަގުގައި މަސްގަތުން ވެގެންދިޔައީ ދައުލަތަށް އުފުލަން ޖެހުނު އިތުރު ބުރައަކަށެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ 106 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ. މި ސަރުކާރުގެ އަމާޒަކީ މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.


މަސްވެރިކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރި އުޅަނދުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިޔައިރު، މިފްކޯގެ މަސް ގަންނަ ކާރުޚާނާތައް އެ ފެންވަރަށް ތަރައްޤީވެގެން ނުދިޔުމެވެ. ނަތީޖާއަކަށްވީ މަސްވެރިން ބާނާ މަސް ކިރުވުން މިފްކޯއަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. މިފްކޯގެ އެވަރުގެ ކެޕޭސިޓީއެއް ނެތުމެވެ. މިދިޔަ ސަަރުކާރުންވެސް މިކަމަށް ހައްލެއް ހޯދައިދިނުމަށް ގިނަ މަޝްރޫޢުތަކެއް ފެށި ކަމަށެވެ. މަޝްރޫޢުތައް ކުރިއަށްދަނީ މަޑު ދުވެއްޔެއްގައެވެ.

މި ސަރުކާރުން މިވަނީ މި މަޝްޢޫރުތައް އަވަސްކުރުމުގެ އިތުރުން އެންމެ ބޭނުން ޖެހިފައިވާ ހިސާބުތަކުގައި އިތުރު ކާރުޚާނާތައް ތަރައްޤީކުރުމަށް ނިންމާފައެވެ. އެގޮތުން މަސްވެރިކަމާއި ގުޅޭ ވުޒާރާގެ ވަޒީރު ވަނީ ދެނުކުގައި މަސް ބަންދުކުރާ ކާރުހާނާއެއް އަދި އުތުރުގައި މަސް ގަންނަ އިތުރު ފެސިލިޓީއެއް ތަރައްޤީކުރުމަށް ނިންމާފައެވެ.

"އުތުރުގެ މަސްވެރިންވެސް މަސް ކިރުވަން އަންނަން ޖެހެނީ ފެލިވަރާއި ހަމައަށް، މިއީ ތެލަށް ކުރަން ޖެހޭ ހޭދަ ބޮޑުވާ ކަމެއް، އެހެންވީމައި ވިސްނުން އެބަހުރި އިހަވަންދޫގައި ފެސިލިޓީއެއް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރި،" މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

މަސް ގަންނަ ކުންފުނި މިފްކޯއަށްވެސް ހެޔޮ ބަދަލުތަކެއް ގަނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްޖެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް. މިފްކޯއަކީ ވަކިން ހިންގާ ކުންފުންޏަކަށް ބަދަލުކުރުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. ސަރުކާރުގެ ވިސްނުންހުރީ މަސްވެރިންނާއި ގާތުން މަސައްކަތްކުރާ ކުންފުންޏަކަށް މިފްކޯ ހެދުމަށެވެ. މި ބަދަލުތަކާއެކު މިފްކޯއަށް ކަންނެލި މަސް ގަންނަ ފެށުމަށް ސަރުކާރުންވަނީ ނިންމައި، އެކަމާއި ގުޅޭ މަސައްކަތްތައް ފަށާފައެވެ.

ރާއްޖެއަކީ ފަރުމަހުގެ މަސްވެރިކަމުން އާމްދަނީ ހޯދާ ފަރާތްތައް ގިނަ ޤައުމެއް ނަމަވެސް ކުރީގެ ސަރުކާރުތަކުން މި ދާއިރާއަށް އޮތީ އިހުމާލުވެފައެވެ. އަދުގެ ސަަރުކާރުންވަނީ ފަރު މަސްވެރިކަމުގެ ދާއިރާއަށްވެސް ބަދަލުތައް ގެނެސް، މިދާއިރާއިން އާއްމުންނަށް ލިބޭ ނަފާ އިތުރުކުރުމަށް ރާވާފައެވެ. އެގޮތުން ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެދާއިރާގެ ވިޔަފާރިތައް ފުޅާކުރަން ބާރުއެޅުން ހިމެނެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1981 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، މަސްވެރިންކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ މަސައްކަތް ދިރުވާ އާލާކުރުމާއި، މަސްވެރިކަމަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތައް ދެނެގަނެ ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އެންގުމެވެ.