ޚަބަރު

އިންސާނީޙައްޤުތަކާއި ބެހޭ ދުވަހެއް ފާހަގަކުރަން ފެށިފަހުން މިއަދަށް 75 އަހަރު


  • އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އެޗްއާރުސީއެމުން ކޮށްފައިވޭ

  • އެޗްއާރުސީއެމަށް އެންމެ ގިނައިން ހުށަހެޅެނީ ޖަލުތަކުގެ ޤައިދީންނާއި ގުޅޭ މައްސަލަތައް

  • ކޮމިޝަނަށް މައްސަލައެއް ހުށަހަޅަން ބޭނުންނަމަ، ހޮޓްލައިން 1424އަށް ގުޅުއްވާ

އިންސާނީ ޙައްޤުތަކުގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވެން ފެށީ 1948 ވަނަ އަހަރުން ފެށިގެންނެވެ. އެއީ މީގެ 75 އަހަރު ކުރިންނެވެ. އެހެންކަމުން މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރަން ފެށިތާ 75 އަހަރުފުރޭ، އަލިމަސްޔޫބީލެވެ. ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "މިނިވަންކަން، ހަމަހަމަކަން، އަދި އެންމެންނަށްވެސް އިންސާފެވެ".

އިންސާނީ ޙައްޤުތަކުގެ ދުވަހެއް ދުނިޔޭގައި ފާހަގަކުރަން ފެށީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލާއިންސާނީ ޢަމަލުތައް ތަޙައްމަލް ކުރަމުންދާ މީހުންގެ ވޭންތަކަށް ނިމުމެއްގެނެސް، އެ މީހުންނަށްވެސް ޙައްޤުތަކެއް ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ. ވަކި ބަޔަކަށް އުފަލާ ހިތްތަހަމަޖެހުމުގައި ދިރިއުޅުމަށް ތަނަވަސްވެފައި އޮތް ފުރުޞަތު، އެންމެންނަށް ވެސް ފަހިކޮށްދިނުމަށެވެ.

ކޮންމެ އަހަރަކުވެސް، އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރަނީ "ޔުނިވާސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް" ނުވަތަ އިންސާނީ ޙައްޤުތަކާއިބެހޭ ޤަރާރެއް އ.ދ. އަށް ހުށަހެޅި، އެ ޤަރާރު ފާސްވި ދުވަހާއި ގުޅުވައިގެންނެވެ. މި ޤަރާރަކީ އިންސާނީ ޙައްޤުތައް ކޮންމެ އިންސާނަކަށްވެސް ކަށަވަރުކޮށްދިނުމުގެ ގޮތުން ހުށަހެޅި ޤަރާރެކެވެ.

އިންސާނީ ޙައްޤަކީ ކޮބާ؟

އިންސާނީ ޙައްޤަކީ އިންސާނަކަށްވީތީ ލިބެންޖެހޭ މިނިވަންކަމެކެވެ. 2008 ވަނަ އަހަރު އުފެދުނު ފެހި ޤާނޫނު އަސާސީގައި، އިންސާނީ ޙައްޤުތަކަކީ ކޮބައިކަމާއި، ޤާނޫނު އަސާސީގެ ހިޔާވަހިކަމުގައި ރައްޔިތުންނަށް ލިއްބައިދޭ ޙައްޤުތައް ވަރަށް ސާފުކޮށް، ބަޔާންކޮށްފައި އޮވެއެވެ.

އެގޮތުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤާއި، ދިރިހުރުމުގެ ޙައްޤާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްޤުތަކުގެ އިތުރުން، ނަމާއި އަބުރުރައްކާތެރިކުރުމުގެ ޙައްޤު ފަދަ، ޙައްޤުތައް ހިމެނެއެވެ. މި ޙައްޤުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކެކެވެ.

ޙައްޤުތައް ކަށަވަރު ކުރުމުގައި ރާއްޖޭގެ ދައުރު:

ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން، އިންސާނީ ޙައްޤުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުނުވާ މައްސަލައަކީ ރާއްޖޭގައި ވެސް ކުރިމަތިވާ ބޮޑު މައްސަލައެކެވެ. އިންސާނީ ޙައްޤުތައް ރާއްޖޭގައި ކަށަވަރުކޮށްދީ، މިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުންފަދަ މަސައްކަތްތައް ކުރުމަށް "ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް" (އެޗްއާރުސީއެމް)ގެ ނަމުގައި ދައުލަތުން ވަނީ މިނިވަން މުއައްސަސާއެއް އުފައްދަވާފައެވެ. މި މުއައްސަސާ ވުޖޫދުވީ 2003 ވަނަ އަހަރުގެ މިދުވަހުގައެވެ. ވުމާއިއެކު، އެޗްއާރުސީއެމަށްވެސް މިއަދު 20 އަހަރު ފުރޭނެއެވެ.

އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މެންބަރު މުއުމިނާ ވަހީދު ވިދާޅުވީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ، ރައްކާތެރިކޮށްދިނުމާއި، ކަމާއި މެދު ހޭލުންތެރިކަން އުފެއްދުމަށް ގިނަ ކަންތައްތަކެއް މިއަހަރުތެރޭ ކުރެވުނު ކަމަށެވެ.

އެގޮތުން، މިދިއަ ރިޔާސީ އިންތިޚާބު މޮނިޓަރ ކުރުމާއި، 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތައް މުއުމިނާ ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބާއި ގުޅިގެން ހޭލުންތެރިކަން އުފެއްދުމާއި، ތިމާވެއްޓާއި އިންސާނީ ޙައްޤުތަކާއި ގުޅޭ ޑިސްކު ރިވިއުއެއް ހެދުމަކީވެސް ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރެވުނު މުހިންމު މަސައްކަތްތަކެއް ކަމަށް މުއުމިނާ ވިދާޅުވިއެވެ.

"މެންޓަލް ހެލްތާއި ގުޅޭ ރިސަރޗެއް ހެދުމުގެ މަސައްކަތް ވަނީ ކުރެވިފައި. މިހާރު ކުރެވެމުންދަނީ މި ދިރާސާގެ ފައިނަލް ރިޕޯޓު ހެދުމުގެ މަސައްކަތް. ތިމާވެއްޓާއި އިންސާނީ ޙައްޤުތަކާއި ގުޅޭ ޑިސްކު ރިވިއުއެއްވެސް އަޅުގަނޑުމެން ހެދިން." މުއުމިނާ ވިދާޅުވިއެވެ.

އެޗްއާރުސީއެމްގެ މެންބަރު މުއުމިނާ ވަހީދު ވަނީ، އިންސާނީ ޙައްޤުތަކާއި ގުޅޭ މަސައްކަތްތައް ކުރުމުގައި ކޮމިޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން، މުއުމިނާ ވިދާޅުވީ މައްސަލަތައް ބެލުމުގައި ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަޢުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައްކަމަށެވެ.

މުއުމިނާ ވިދާޅުވީ ބައެއް މައްސަލަތައް ބެލުމުގައި ސަރުކާރުގެ ބައެއް އިދާރާތަކުން މަޢުލޫމާތު ހޯދަންޖެހޭ ކަމަށެވެ. އަދި އިދާރާތަކުން މަޢުލޫމާތު ފޯރުކޮށްދޭއިރު، ބައެއް އިދާރާތަކުން ވަރަށް ލަހުން މަޢުލޫމާތު ފޯރުކޮށްދޭކަމަށް މުއުމިނާ ވިދާޅުވިއެވެ. ހަމައެއާއެކު، ކޮމިޝަނުން ކުރަންޖެހޭ ދިރާސާތަކާއި، ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ހިންގުމަށް، އެކަށީގެންވާވަރުގެ ބަޖެޓެއް އެޗްއާރުސީއެމްއަށް ހަމަޖެހިފައިނެތުމަކީ ވެސް، އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތްތައް ކުރުމަށް އޮތް ގޮންޖެހުމެއްކަން މުއުމިނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މުއުމިނާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ޢާންމުގޮތެއްގައި ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން، ކޮމިޝަނަށް އެންމެ ގިނައިން ހުށަހެޅެނީ ޖަލުތަކުގައި ތިބޭ ޤައިދީންނަށް އެކަށީގެންވާ ސިއްޙީ ޚިދުމަތް ނުލިބޭކަމުގެ މައްސަލަތައް ކަމަށް މުއުމިނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް އެކި ދާއިރާތަކުން އެޗްއާރުސީއެމްއަށް މައްސަލަ، ހުށަހެޅޭކަން މުއުމިނާ ފާހަގަކުރެއްވިއެވެ.

ހުށަހެޅުނު މައިގަނޑު މައްސަލަތަކުގެ ދާއިރާތައް:

• ޖަލުތަކުގެ ޤައިދީންނާއި ގުޅޭ ސިއްޙީ މައްސަލަތައް
• އިޖުތިމާޢީ މައްސަލަތައް
• ކުޑަކުދިންނާއި ގުޅޭ މައްސަލަތައް
• އަންހެނުންނާއި ގުޅޭ މައްސަލަތައް
• ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ މައްސަލަތައް
• ސިޔާސީ ކަންކަމާއި ގުޅުންހުރި މައްސަލަތައް

މި ދާއިރާތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ވޭތުވެދިޔަ 3 އަހަރު، ޖުމްލަ 2،143 މައްސަލައެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް އެޗްއާރުސީއެމްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިދިއަ 3 އަހަރުތެރޭ ޖުމްލަ 1،198 މައްސަލައެއް ބަލާ ތަހުގީގުކޮށް ނިންމާފައިވާ ކަން ވެސް އެކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަކީ އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނު އަސާސީއާއި އެއްގޮތްވާގޮތުގެ މަތިން، ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.