ޚަބަރު

ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތް ކުރަން ރައީސް އެދިވަޑައިގެންފި


  • މިކަމަށް އެދިވަޑައިގަތީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖުގައި

  • "ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަސް

ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)އަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްޞަސާތަކަށާއި ސާކްގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސްކުރައްވާފައެވެ. "ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެކުނު އޭޝިއާގެ ސަރަޙައްދީ ގުޅުންތަކާގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ، ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.