ޚަބަރު

ރަޝިޔާގެ ރިޔާސީ އިންތިޚާބު މާރިޗުގައި


އަންނަ އަހަރުގެ މާރިޗު މަހު ރަޝިޔާގެ ރިޔާސީ އިންތިޚާބު ބާއްވަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. މާރިޗު މަހުގެ 17 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވަން އެ މަޖިލީހުން ފާސްކުރުމާ އެކު، ފަސްވަނަ ދައުރަކަށް ރަޝިޔާގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް މިހާރުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް ވަނީ ދޮރު ހުޅުވިފައެވެ. ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ނެގި ވޯޓު ފާސްވެފައި ވަނީ ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

"މި ނިންމުމާ އެކު، ރިޔާސީ އިންތިޚާބުގެ ކެމްޕޭން މި ވަނީ ރަސްމީކޮށް ފެށިފައި،" ރަޝިޔާގެ ފެޑެރަލް އެސެމްބަލީގެ ފެޑެރަލް ކައުންސިލްގެ ރައީސާ ވަލެންތީނާ މަތުވީޔެންކާ ވިދާޅުވިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އަތްގަދަކޮށްފައިވާ ބައެއް ސަރަޙައްދުތަކުގެ ރައްޔިތުންނަށް ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭނެއެވެ. އެ ސަރަޙައްދުތަކަކީ ދޮންބާސް ސަރަޙައްދުގައި ހިމެނޭ ދޮނެޓްސްކާއި ލުހާންސްކްގެ އިތުރުން ޔޫކްރެއިންގެ ދެކުނުގައި އޮންނަ ޚަރްސަނާއި ޒަޕޮރީޜިޔާއެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަން 71 އަހަރުގެ ޕުޓިން އަދި މިހާތަނަށް އިޢުލާނުކުރައްވާފައި ނުވި ނަމަވެސް، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އޭނާ އެ ކަން އިޢުލާނު ކުރައްވާނެ ކަމަށް ބެލެވެއެވެ. 2020 ވަނަ އަހަރު ރަޝިޔާގެ ޤާނޫނު އަސާސީއަށް ގެނައި އިސްލާޙުތަކާ އެކު، ހަ އަހަރުގެ އިތުރު ދެ ދައުރު ފުރިހަމަ ކުރުމުގެ ފުރުޞަތު ޕުޓިންނަށް ވަނީ ލިބިވަޑައިގަންނަވައިފައެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެންނަވާފައި ވަނީ ޕުޓިން އަޑީގައި ހުންނަަވައިގެން ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް ޕުޓިން ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ކަމުގައެވެ. އެއް ސަބަބަކީ، ރަޝިޔާގެ ސިޔާސީ ނިޒާމުގެ ހުރިހާ ދިމާލަކަށް ޕުޓިންގެ ބާރާއި ނުފޫޒު ފޯރުވާފައި އޮތުމެވެ. އޭނާގެ ސަރުކާރާ ދެކޮޅު ގިނަ މީހުން މިހާރު ތިބީ ޖަލުގައި ކަމާއި، ނުވަތަ އަމިއްލައަށް އަރުވައިލެވިގެން ޤައުމުން ބޭރުގައި ކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ. މީގެ އިތުރުން، ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަން ރަޝިޔާގައި އޮތީ ހަނިކޮށްފައެވެ.

ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ އަގުބޮޑު އަދި ދިގުލައިގެން ގޮސްފައިވާ ހަނގުރާމައާ ގުޅިގެން ވެސް، އަދި ޕުޓިންގެ ސަރުކާރާ ދެކޮޅަށް ވާގްނަރ ގުރޫޕުގެ ކުރީގެ އިސްވެރިޔާ ޔެވްގެނީ ޕްރިގޮޜިން ކުރަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން ވެސް އޭނާގެ ސަރުކާރާއި ބާރުތަކަށް ހަނިކަމެއް އައިސްފައި ނުވާ ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. ރަޝިޔާގައި ދާދި ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ވެސް ފެންނަނީ ޕުޓިންއަށް އޮތް ތާޢީދު ބޮޑު ކަމަށެވެ.

މާރިޗު މަހުގެ އިންތިޚާބު ޕުޓިން ކާމިޔާބު ކުރައްވައިފި ނަމަ، 2030 ވަނަ އަހަރާ ހަމައަށް އޭނާގެ ވެރިކަން ދެމިގެން ދާނެއެވެ. އަދި، އުުމުރުން 83 އަހަރާ ހަމައަށް އޭނާއަށް ރައީސް ކަމުގެ މަޤާމުގައި ދެމިހުންނެވޭނެއެވެ. ނަމަވެސް، މާރިޗުގައި ބާއްވާ އިންތިޚާބުގައި ޕުޓިންއާ ވާދަ ކުރާނެ ކަން މިހާރު ވެސް ދެ ކެނޑިޑޭޓަކު ވަނީ އިޢުލާނު ކޮށްފައެވެ. އެއީ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމުގައިވާ ބޮރިސް ނަޖީރްދިންއާއި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލެއް ކަމުގައިވާ ޔިކަތެރީނާ ދުންސްތޯވާއެވެ. ނަރީރްދިންއަކީ މޮސްކޯ ސަރަޙައްދުގެ މުނިސިޕަލް ކައުންސިލްގެ މެންބަރެކެވެ.

ނަމަވެސް، ޕުޓިންއާ ވާދަ ކުރުމަކީ އެ ދެ ބޭފުޅުންނަށް ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އިންތިޚާބުގައި ކާމިޔާބީ ހޯދަން އެ ދެ ބޭފުޅުންނަށް ފަސޭހަވާނެ އެއް ގޮތަކީ، ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ސްޓޭޓް ދޫމާގައި ތަމްސީލު ކުރަމުންދާ ފަސް ޕާޓީގެ ތެރެއިން ޕާޓީއެއްގެ ތާޢީދާއި ރުހުން ހޯދުމެވެ. ރަޝިޔާގެ ޤާނޫނު ބުނާ ގޮތުން، ދޫމާގައި ތަމްސީލު ކުރެވެމުން ނުދާ ޕާޓީއެއްގެ ފަރާތުން ކެނޑިޑޭޓަކު ވާދަކުރާނަމަ، ކެނޑިޑެސީ ފޯމާ ހުށަހެޅޭނީ އެ ޤައުމުގެ 40 ސަރަޙައްދަކުން 100,000 މީހުންގެ ސޮޔާ އެކުގައެވެ. އަދި، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރާ މީހުންނަށް ފޯމު ހުށަހެޅޭނީ އެ ޤައުމުގެ 40 ސަރަޙައްދަކުން 300,000 މީހުންގެ ސޮޔާ އެކުގައެވެ.