ޚަބަރު

އިސްލާމީ މަރުކަޒުގައި މާދަމާ ހުކުރުކުރައްވާނީ ފިރްޒުލް


  • ޚުޠުބާގެ މައުޟޫއަކީ "އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަން"

  • ފިރުޒުލްވަނީ މިޞްރުން ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނުން ތަޢުލީމު ޙާޞިލްކުރައްވާފައި

  • ފިރުޒުލްއަކީ ޤުރުއާން ހިތު ދަސް ޢިލްމުވެރިއެއް

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުން އަޢުޒަމްގައި މާދަމާ ހުކުރު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛް މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ހުކުރު ޚުޠުބާގެ މައުޟޫއަކީ "އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަން" މިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމީ އިސްލާމީ ޚިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަންވާނެ ކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ އަލްއުސްތާޛް މުހައްމަދު ފިރުޒުލްއަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނުން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ފިރުޒުލްއަކީ ޤުރުއާން ހިތު ދަސް ޢިލްމުވެރި ޒުވާނެއް ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

ފިރުޒުލްވަނީ ފިރުޒުލްވަނީ މިސަރުކާރުގެ އިންތިގާލީ މަރުހަލާގައި ސްޕޯކްސް ޕާސަންގެ ދައުރުވެސް އަދާ ކުރައްވާފައެވެ. އަދި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ވަރަށް އިސްދައުރެއް ފިރުޒުލް އަދާ ކުރައްވާފައެވެ. އެގޮތުން ކެމްޕޭންގެ ބޮޑެތި އިވެންޓުތައް ހުށަހެޅުއްވުމާއި، ކެމްޕޭންގެ އެހެނިހެން ކަންކަމުގައިވެސް ފިރުޒުލް ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގައިވެސް މަސައްކަތްކުރައްވާފައިވެއެވެ.