ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުން ބާރުވެރިކޮށް، ނެޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ މަޤްސަދުގައި އޮސްޓްރޭލިއާގެ ނެޓްފިޓާއި ރާއްޖޭގެ ކުލަބް ގްރީން ސްޓްރީޓްސް އާއި އެމްވީ ނެޓާޒް ގުޅިގެން ކުރިއަށްދިޔަ ސެޝަންތަކާއެކު ދިވެހިންނަށް ނެޓްފިޓް ވެބްސައިޓުގެ ހިލޭ އެކްސެސް އެއް އަހަރުދުވަހަށް ދޭން ނިންމައިފިއެވެ.
މި ސެޝަންތަކުގައި ރާއްޖޭގައި ހަރަކާތްތެރިވެފައިވަނީ ނެޓްފިޓް އޮސްޓްރޭލިއާގެ މަސްއޫލުވެރިޔާ އަދި ތިން ޗެމްޕިއަންޝިޕް ހޯދި އެންމެ މަތީ ފަންތީގެ އެއް ކުޅުންތެރިޔާ ކަމަށްވާ ސަރާ ވޯލް އާއި އޮސްޓްރޭލިއާއަށް ނެޓްބޯލް ވޯލްޑް ކަޕް ހޯދައިދިން ޓީމުގެ ކެޕްޓަން ޝާނީ ލޭޓަން އެވެ.
މި ސެޝަންތަކުގެ ތެރޭގައި ޤައުމީ ނެޓްބޯޅަ ޓީމާއި ކުލަބް ގްރީންގެ ނެޓްބޯޅަ ޓީމުގެ އިތުރުން ޖޫނިއާ ކުޅުންތެރިންނާއެކު މާލެއާއި އަތޮޅުތެރޭގައި ވަނީ ހާއްސަ ސެޝަންތަކެއް ކުރިއަށްގޮށްފައެވެ. މި ސެޝަންތައް ކުރިއަށްދިޔައީ ނޮވެމްބަރު 19 އިން ޑިސެމްބަރ 6 ގެ ނިޔަލަށެވެ. އަތޮޅު ތެރޭގައި ސެޝަން ބާއްވާފައިވަނީ އދ. އޮމަދޫގައެވެ.
ރާއްޖޭގައި ބޭއްވި ކާމިޔާބު ސެޝަންތަކުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ޤައުމީ ނެޓްބޯޅަ ޓީމާއި ނެޓްފިޓް އޮސްޓްރޭލިއާގެ ފަރާތުން ބައިވެރިވި ޝާނީ އާއި ސަރާ ހިމެނޭ ޓީމަކާއެކު ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މި މެޗު ޝަރަފްވެރިކޮށްދެއްވީ އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ހެސޮޕް އެވެ. މީގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ފަޒްނާ ޖަލީލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މެޗަށްފަހު ދުނިޔޭގެ ނެޓްބޯޅައިގެ އެންމެ ބޮޑު ވެބްސައިޓު ކަމަށްވާ ނެޓްފިޓްގެ އެކްސެސް ދިވެހި އެތްލީޓުންނަށް އެއް އަހަރުދުވަހުގެ މުއްދަތަށް ހިލޭ ދިނުމަށް ނިންމިކަން ވަނީ އިއުލާނުކޮށްފައެވެ. މިއީ ރާއްޖޭގެ އެތްލީޓުންނަށް ނެޓްބޯޅައިގެ ސެޝަންތަކާއި ކޯޗިން ސެޝަންތަކުގެ އިތުރުން ސްޕޯޓްސް ނިއުޓްރިޝަންތަކާ ގުޅޭ މައުލޫމާތު މި ވެބްސައިޓުން ލިބިގެންދާނެ އެވެ.
ކާމިޔާބު ސެޝަންތަކަށްފަހު ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ކުލަބް ގްރީން ސްޓްރީޓްސް ނެޓްބޯޅަ ޓީމުގެ މެނޭޖަރ އަލްމާ އަލީ ބުނީ މިއީ ހަ މަސްދުވަސް ވަންދެން އެ ކުލަބުން ކުރި މަސައްކަތް ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ. އަދި އަމާޒަކީ ނެޓްފިޓް ވެބްސައިޓުގެ އެކްސެސް ލިބުމާއެކު މުސްތަގްބަލުގައި ވެސް މިފަދަ އިތުރު ސެޝަންތަކެއް ރާއްޖޭގައި ބޭއްވުން ކަމަށެވެ.
މި ސެޝަންތައް ހިންގި ނެޓްފިޓް އޮސްޓްރޭލިއާގެ ފައުންޑަރ ސަރާ ވޯލް ބުނީ ރާއްޖޭގައި ބޭއްވި ކާމިޔާބު ހަރަކާތެއް ކަމަށާއި ނެޓްފިޓް ވެބްސައިޓުގެ އެކްސެސް ދިވެހިންނަށް ހިލޭ ދޭން ނިންމީ ފައިސާއަށްވުރެ ބޮޑަށް ދިވެހި އެތްލީޓުންގެ ކުރިމަގަށް ވިސްނުމަށްފަހު ކަމަށެވެ.
މިއީ މަތީފެންވަރުގެ ނެޓްބޯޅަ އެތުލީޓުންނާއެކު ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ނެޓްބޯޅަ ހަރަކާތެވެ.