ޚަބަރު

ދޯދިޔާކޮށް ހިނގާފައިވާކަންކަން ބެލުމަށް އެތެރޭގެ އޮޑިޓެއް މިދަނީކުރަމުން: ފެނަކަ އެމްޑީ


  • ކުންފުނީގައި ކެޕޭސިޓީ ނެތް މިންވަރަށް މުވައްޒަފުން ނަގާފައިވޭ

  • ނުއަގުގައި މަޝްރޫޢުތައް ހިންގާފައިވޭ

  • ބޮޑެތި އަގުތަކުގައި ކުންފުންޏަށް ގެއްލުމުގައި މުދާގަނެފައިވޭ

ފެނަކަ ކޯޕަރޭޝަންގައި އިންޓަރނަލް އޮޑިޓެއް ކުރަމުންދާކަމަށާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މިއޮޑިޓުން ހާމަވާ ކަންކަން ރައްޔިތުންނާއި ހިއްސާކުރައްވާނެކަމަށްވެސް މުޢާޒްވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ ކަންތައްތަކެއް ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާކަމުގެ ތުހުމަތުތައްވަނީ އިތުރުވެފައެވެ. މިތުހުމަތުތަކާއެކު ފެނަކަ ކޯޕަރޭޝަންގެ އައު މެނޭޖްމަންޓުންވަނީ އެކުންފުނީގެ އިންޓަރނަލް އޮޑިޓެއްގެ މަސައްކަތް ފައްޓަވާފައެވެ.

ކުންފުނީގައި ހިންގާފައިވާ ކޮރަޕްޝަންގެ ކަންތައްތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ވިދާޅުވީ، ކުންފުންޏަށް ނުކަތާވަރަށް މުވައްޒަފުން ނަގާފައިވާކަމަށެވެ. އަދި ނުއަގުގައި މުދާގަނެފައިވާކަން ހާމަވެފައިވާކަމަށްވެސް މުޢާޒްވަނީ ވިދާޅުވެފައެވެ.

"އެންމެ ރަނގަޅު ޕޮލިސީތަކަކުން ނޫން ކުންފުންޏަށް މުދާގަނެފައި ހުރީ. ބޮޑެތި އަގުގައި ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކާއިވެސް ޚިލާފަށް މުދާގަނެފައި ހުރީ. ނުއަގުގައި އެބަހުރި ކުންފުނިތަކަށް ބޮޑެތި ވިޔަފާރި ޑީލްތައް ދީފައި. މިކުންފުނިތަކުގެ ޤާބިލްކަން ހުރި މިންވަރުވެސް އަޅުގަނޑުމެން ބަލާނަން. ހަދާފައިވާ ކޮންޓްރެކްޓްތައް މިދަނީ ރިވިއުކުރަމުން." މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާ މިމުއްދަތުގައި ހާމަވާ ކަންކަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި ހިއްސާކޮށް އެމަޢުލޫމާތު ދިވެހި ރައްޔިތުންނަށްވެސް ޢާއްމުކުރައްވާނެކަމަށެވެ.

ދަރަނީގެ ބޮޑު ބުރައެއް އެކުންފުނިން އުފުލަމުންދާއިރު މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް 79 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭކަން ފެނަކައިން ފާހަގަކުރެއެވެ. މީގެއިތުރުން ބޮޑެތި ޢާމްދަނީ ލިބޭ ބޭންކުތަކާއި ކުންފުނިތަކަށްވެސް ފެނަކައިގެ ސީއެސްއާރްގެ ދަށުން ހިލޭ މަޝްރޫޢުތައް ހިންގައިދީފައިވާއިރު މަޝްރޫޢާއި ނުބައްދަލު ކުޑަ އަގުގައި ސަރުކާރުގެ އެކި ވުޒާރާތަކުންވެސް ފެނަކައާއި މަޝްރޫޢުތައް ޙަވާލުކޮށް އެމަސައްކަތް ކުރީގެ މެނޭޖްމަންޓުން ކުރުވާފައިވާކަމަށް ފެނަކައިން ބުނެއެވެ. ހަމައެއާއެކު އަތޮޅުތަކުގެ 21 ރަށެއްގައި ހިންގާފައިވާ އިންޖީނުގެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އީއައިއޭ ރިޕޯޓުތަކާއި ޚިލާފަށް ތިމާވެއްޓަށް ގެއްލުންވާނެހެން މަސައްކަތްކޮށްފައިވާތީ އީޕީއޭއިންވަނީ މިދިޔަ މަހު 4.2 މިލިއަން ރުފިޔާއިން އެކުންފުނި ޖޫރިމަނާކޮށް އެއްމަސްދުވަހުގެ ތެރޭގައި ފައިސާދައްކާ ޚަލާސްކުރުމަށްވެސް އަންގާފައެވެ.