ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ތައާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ބާރުއަޅާނަން: އަމީން


  • ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރަނީ އިންޑިއާ ކުންފުންޏަކުން

  • މި މަސައްކަތް ކައިރިން މޮނިޓަރ ކުރާނެ ކަމަށް ވަޒީރު ވިދާޅުވި

  • އެއަރޕޯޓާއި އެކު އޭވިއޭޝަން ސިނާއަތަށް ގިނަ ކުރިއެރުން ލިބޭނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ތަޢާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ބާރު އަޅުއްވާނެކަމަށް ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޙަޤީޤީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވީ މިއަހަރުގެ ޖެނުއަރީމަހުއެވެ. އެގޮތުން ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތައް އޮޕަރޭޓްކުރާ ފެންވަރުގެ އެއަރޕޯޓެއްގެ ގޮތުގައި އެ ޕްރޮޖެކްޓް އަންނަނީ ކުރިއަށްގެންދަމުންނެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން މި ދާއިރާއިން ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ ޕްރޮޖެޓު ނިމުމުން އޭވިއޭޝަންގެ ސިނާއަތަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"ހަނިމާދޫ އެއަރޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓު، ވަރަށް ބޮޑަށް މޮނީޓަރ ކުރާނަން، ތާވަލާއި އެއްގޮތަށް ކުރިއަށްގެންދިޔުމަށް، މި ޕްރޮޖެކްޓާއި އެކު އިތުރު ދޮރެއް ހުޅުވިގެން މިދަނީ އިންޓަރނޭޝަނަލް ފްލައިޓުތަކަށް،" މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވަޒީރު ވަނީ އެއަރޕޯޓުތައް ތަރައްޤީކުރުމުގައި އެ ދާއިރާއާއި ގުޅުން ހުރި ދާއިރާތައްވެސް ކުރިއަރައިގެން ދިޔުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ އެނދުގެ އަދަދުތައް ބައިނަލްއަޤްވާމީ އެއަރޕޯޓުތައް ތަރައްޤީކުރާ ސަރަހައްދުގައި އިތުރުކުރަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

"ގުޅުން ހުރި ޚިދުމަތްތައްވެސް މިއާ ލާމެހި ކުރިއަރައިގެން ދިޔުމުން، އެއަރޕޯޓެއްވެސް ކުރިއަރާ ދާނީ،" އަމީން ވިދާޅުވިއެވެ.

ވަޒީރު އަމީންވަނީ އޭވިއޭޝަން ސިނާއަތުގެ ދާއިރާއިން މީހުން ބިނާ ކުރުމުގައި އޭވިއޭޝަން ސިނާއަތުގައި ހިމެނޭ ދާއިރާތަކަށް އިސްކަންދޭން ޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ އަދި މި ދާއިރާއަކީވެސް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް އޮތް ދާއިރާއެއްކަން މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.