ޚަބަރު

ބިޑުކުރުމާނުލައި ޕްރޮޕޯސަލް ހުށައެޅުން އުވާލައިފި


  • މި އުސޫލު މިހާރުވަނީ ގެޒެޓުގައި ޝާއިޢުކޮށްފައި

  • އަދި މިއާއެކު މި އުސޫލަށް އަމަލުކުރަންވަނީ ފަށާފައި

  • ބިޑުކުރުމުގެ ދަޢުވަތަކާ ނުލައި ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް އެކުލަވާލީ 2019ގައި

ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅޭގޮތަށް އޮތް އޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިމުމަކަށް ގެންނަވައިފިއެވެ.

ރައީސުލްޖުމްހުއްޔާގެ އޮފީހުން މިހާރުވަނީ ބިޑުކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުވައިލުމުގެ އުސޫލު ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މި އުސޫލުގައިވާގޮތުން ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު އުވައިލުމަށް ނިންމާފައިވާކަމަށާއި، މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ތާރީޙުން ފެށިގެން ކަމަށް ބަޔާންކޮށްފައިވެއެވެ.

ބިޑް ކުރުމަކާ ނުލައި، ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލެއް އެކުލަވައިލީ ކުރީ ސަރުކާރުގައި 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައެވެ. އޭރުގެ ސަރުކާރުން އެފަދަ އުސޫލެއް އެކުލަވާލާފައިވަނީ، ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑު ކުރުމަކާ ނުލައި، ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގެވުމެވެ.


އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މުޅިން އަލަށް އޭރު އެކުލަވާލި ބިޑު ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެއްކަމަށް ވިދާޅުވެފައިވެއެވެ.

މި އުސޫލުގެ ދަށުން ވަކި މަޝްރޫޢެއް ހިންގުމަށް ސަރުކާރުން އިޢުލާންކުރުމުގެ ކުރިން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން، ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މަގު ފަހިވެގެންދާނެކަމަށް ސަރުކާރުން އޭރު ވިދާޅުވެފައިވެއެވެ.