ޚަބަރު

ޔޫއޭއީއާއި ސަޢުދީގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ޕުޓިން މެދުއިރުމައްޗަށް


އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އާއި ސަޢުދީ ޢަރަބިއްޔާގެ އިސްވެރިން ބައްދަލުކުރެއްވުމަށް ރަޝިޔާގެ ރައީސް ވުލަޑިމިޔަރ ޕުޓިން މެދުއިރުއްމައްޗަށް ވަޑައިގަންނަވައިފިއެވެ.

ޕުޓިންގެ އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ޔޫއޭއީއަށެވެ. އެ ޤައުމުން ވަނީ ޕުޓިންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ. 21 ބަޑީގެ ސަލާމެއް އަރުވައި ޔޫއޭއީގެ ރިޔާސީ ގަނޑުވަރަށް ޕުޓިން ގެންދިޔައީ އެ ޤައުމުގެ އަސްކަރީ ޖެޓްތަކުން ބޭއްވި އެއަރ ޝޯއަކާއެކުގައެވެ.

ޕުޓިން ވަނީ ޔޫއޭއީގެ ރައީސް ޝެއިޚް މުޙަމަދު ބިން ޒައިދް އަލް ނަޙްޔާނާ ބައްދަލުކުރައްވާފައެވެ. ބައްދަލުވުމަށްފަހު ޔޫއޭއީން ނެރުނު ބަޔާނެއްގައި ބުނީ، ދެ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރު ކުރުމަށްޓަކައި މަޝްވަރާއާއި އެއްބާރުލުން ހަރުދަނާ ކުރުމުގެ މުހިންމުކަމާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމަކީ މެދުއިރުމަތީގައި ރަޝިޔާގެ ނުފޫޒުގަދަ ކުރުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި ހަކަތައާ ބެހޭ ސިނާޢަތުގައި ދެ ޤައުމުގެ އެއްބާރުލުމާއި ޒަމާނީ ޓެކްނޮލޮޖީތަކާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

ޔޫއޭއީއަށް ފަހު ޕުޓިން ދެން ވަޑައިގެންފައި ވަނީ ސަޢުދީ ޢަރަބިޔާއަށެވެ. އެ ދަތުރުފުޅުގައި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް ސަޢުދާ ބައްދަލުކުރެއްވިއެވެ. ވަލީއަޙުދާއި ޕުޓިން ބައްދަލުކުރައްވާފައި ވަނީ ތެލުގެ އަގު ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. ރަޝިޔާ ހިމެނޭހެން އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޮޕެކް+)ގެ ޤައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރަށް މަދު ކުރުމަށް ނިންމައިފައެވެ. ރަޝިޔާ އިސްވެ އޮވެ، އެގޮތަށް ނިންމާފައި އޮތް ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވެއްޓިފައެވެ. އޯޕެކުން މީގެކުރިން ވެސް އެކި ފަހަރު މަތިން ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައެވެ.

ރަޝިޔާއާއި ޔުކްރެއިނުން ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ޕުޓިން ޤައުމުން ބޭރަށް ވަޑައިގެންފައި ވަނީ ވަރަށް މަދުންނެވެ. މެދުއިރުމައްޗަށް ޕުޓިން އެންމެ ފަހުން ދަތުކުރައްވާފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ ދަތުރުފުޅުގައި އީރާނުގެ ރޫޙީ އިސްވެރިޔާ އާޔަތުالله ޢާލީ ޚާމަނާއީއާ ބައްދަލުކުރެއްވިއެވެ.

ޔޫކްރޭންގެ ކުޑަކުދިންނާ މެދު ހަރުކަށިކޮށް ޢަމަލުކޮށްފައިވާ ކަމަށް ތުޙުމަތުކޮށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން ޕުޓިން ހައްޔަރު ކުރުމުގެ ޢަމުރެއް މިދިޔަ މާޗު މަހު ނެރުނު ފަހުން ޕުޓިންގެ ބައިނަލްއަޤުވާމީ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. ޔޫއޭއީ އަދި ސަޢުދީ ޢަރަބިއްޔާ އަކީވެސް އައިސީސީ ބަލައިގަންނަ ޤައުމެއް ނޫނެވެ. އެހެންކަމުން އެ ދެ ސަރަޙައްދުން ޕުޓިން ހައްޔަރެއް ނުކުރެވޭނެއެވެ.