ޚަބަރު

ޔަހޫދީން ދިން ޙަމަލާއެއްގައި އަލްޖަޒީރާ ނޫސްވެރިއެއްގެ ޢާއިލާގެ 22 މީހަކު ޝަހީދުވެއްޖެ


ޖައްބާރު ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކުގައި އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ މޫމިން އަލް ޝަރަފީގެ ޢާއިލާގެ 22 މީހުން ޝަހީދުވެއްޖެއެވެ.

މޫމިން އަލް ޝަރަފީގެ ޢާއިލާ ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ ދެކުނުގައި ހުންނަ ޖަބަލިޔާ ވަޤުތީ ހިޔާއަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި މޫމިންގެ މައިންބަފައިން ކަމަށްވާ މަޙްމޫދާއި އަމީނާއާއި އޭނާގެ އެއްބަނޑު އެއްބަފާ ކުދިންނާއި އެ މީހުންގެ އަނބިންގެ އިތުރުން ކޮއްކޮމެން ވެސް ހިމެނެއެވެ. ޙަމަލާގެ ވަރުގަދަކަމުގެ ސަބަބުން އެ ސަރަޙައްދުގައި ވަނީ ބޮޑު ވަޅުގަނޑެއް ހެދިފައެވެ. ޙަމަލާގެ ސަބަބުން ޝަހީދުވި މޫމިންގެ އާއިލާގެ އެއްވެސް މީހެއްގެ ހަށިގަނޑު އަދި ނުފެނެއެވެ.

"އަހަރުމެންގެ ލޯބިވާ މީހުންނަށް އަލްވަދާޢު ކިޔުމުންވެސް އަހަރުމެން މިތިބީ މަޙްރޫމުވެފައި." މޫމިން ބުންޏެވެ. މޫމިން ޢާއިލާގެ މީހަކު ބުނީ، ޙަމަލާ ދީފައި ވަނީ ހެނދުނު 4 ނުވަތަ 5 ޖަހާކަންހާއިރެވެ. އިރުއަރަންދެން އެ ތަނަށް ނުވަދެވިފައި ތިބެން ޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ.

ޝަހީދުކޮށްލުމުގެ ކުރިން އޭނާގެ މަންމަ، އަމީނާ އެންމެ ފަހުން ފޮނުވި ވޮއިސް ކޯލުވެސް މޫމިން ވަނީ ޢާންމުކޮށްފައެވެ. އެ ވޮއިސް ކޯލުގައި ޝަރަފީގެ މަންމަ ވަނީ އޭނާގެ ސިއްޙައްތަށް ބަލައިގެން އުޅުމަށް ނަޞީޙަތް ދީފައެވެ.

"މި ޖަރީމާގެ ޒިންމާ އުފުލަންޖެހޭ ހުރިހާ ފަރާތްތަކެއް ޖަވާބުދާރީ ކުރުވުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން" އެކަމާއި ގުޅިގެން އަލްޖަޒީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"އަލްޖަޒީރާއިން ގޮވާލަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުއަށާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޖަމުޢިއްޔާތަކަށް މި ޤަތުލުޢާންމުތަކަށް ވަޤުތުން ނިމުމެއް ގެނެސް، ޝަހީދުންގެ ޢާއިލާތަކަށާއި ކުށެއްނެތް މީހުންނަށް އަވަސް އިންސާފެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް." އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ޔަހޫދީން ދިން ޙަމަލާއެއްގައި އަލްޖަޒީރާގެ ޢަރަބި މުވައްޒަފެއް ކަމަށްވާ ވާއިލް ދަހުދޫހުގެ ޢާއިލާގެ ބައެއް މީހުންވެސް ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އޮކްޓޯބަރު 31 ވަނަ ދުވަހު ޔަހޫދީން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގައި ހުންނަ އަލްޖަޒީރާގެ ބިއުރޯގެ ބްރޯޑްކާސްޓް އިންޖިނިއަރެއް ކަމަށްވާ މުޙައްމަދު އަބޫ އަލް ކުމްސަންގެ ބައްޕަ އާއި ދެ އަންހެން ކޮއްކޮ ހިމެނޭ ގޮތަށް ޢާއިލާގެ 19 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް އަމާޒުކޮށް ދޭ ޙަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 16،248 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.