ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޗޫޖިން ޓޮންގްޗުއަން ވިންޑް ފާރމަށް ޒިޔާރަތް ކުރައްވައިފިއެވެ.
ޗޫޖިން ޓޮންގްޗުއަން ވިންޑް ފާރމް ޕްރޮޖެކްޓަކީ، ޔުނާން ޕްރޮވިންސްގައި އަލަށް ހިންގުމަށް ރާވާފައިވާ ހަކަތައާ ގުޅޭ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ، ވައިން ހަކަތަ އުފެއްދުމުގެ 20 މަޝްރޫޢުގެ ތެރެއިން އެއް މަޝްރޫޢެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ވިންޑް ފާރމްގެ ކޮންޓްރޯލް ސެންޓަރަށް ވަޑައިގެން، އެތަން ހިންގަމުންދާގޮތާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ނިމިގެންދިޔަ ކޮޕް28 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަން އިޢުލާނު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައިވެއެވެ.
މިހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.