ޚަބަރު

ސިއްހަތާއި މޫސުމާއި އޮންނަ ގުޅުން ދެނެގަތުމަށް ދިރާސާތައްކުރަން ކޮޕްގައި ބާރުއެޅިން: ޚަލީލު


  • ވަޒީރު މިހެން ވިދާޅުވީ ކޮޕް-28 ސަމިޓަށްފަހު ރާއްޖެ ވަޑައިގެން

  • މުޙިއްމު މަޝްވަރާތަކެއްވަނީ ކުރައްވާފައި

  • "ޑެކްލަރޭޝަން އޮން ކްލައިމެޓް އެންޑް ހެލްތު" ގަރާރެއްވެސް ފާސްކޮށްފައިވޭ

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީގޮތުން ކުރާ އަސަރުތައް ދެނެގަތުމަށް ދިރާސާތައް ކުރުމަށް ކޮޕް-28ގައި ރާއްޖެއިން ބާރުއަޅާފައިވާނެ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޔޫއޭއީގައި ކުރިއަށްދާ ކޮޕް-28 ސަމިޓާއި ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ޑަބްލިއުއެޗްއޯގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭ ބައްދަލުވުމުން ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ކޮޕް-28ގައިވަނީ ޞިއްޙަތާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް މިނިސްޓީރިއަލް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ބައިވެރިވެ ވަޑައިގެން ދިވެހިރާއްޖޭގެ ފަރާތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ވަޒީރު ޚަލީލު ވިދާޅުވީ ކޮޕް28ގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާތައް ކުރެވިގެންދިޔަ ކަމަށެވެ.
ވަކިން ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރެވޭ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މޫސުމީ ބަދަލުތަކާއި ސިއްހަތަށް ކުރާ އަސަރުތައް ދެނެގަތުމަކީ މުޅިން އައު ދެ ކަމަކަށްވާތީ، ޚާއްސަ ނަޒަރިއްޔާތަކުން، ރިސަރޗުކުރުމަށް އަޅުގަނޑުމެންވާނީ ބާރު އަޅާފައި، ބައްދަލުވުމުންތަކުގެތެރޭގައި،" ވަޒީރު ޚަލީލު ވިދާޅުވިއެވެ.

ކޮޕް-28ގައިވަނީ ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުން އެއްބަސްވެ ވަޑައިގަންނަވާ "ޑެކްލަރޭޝަން އޮން ކްލައިމެޓް އެންޑް ހެލްތު" ގަރާރުވެސް ފާސްކޮށްފައެވެ.

އަދި، މިބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި ސިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ސިއްޙަތު ރައްކާތެރިކުރުމާއި، ސިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަޝްވަރާތަކުގައި، ރާއްޖެއިން ސިއްޙީ ދާއިރާއިން އިސްކަންދޭ ކަންތައްތައް ފާހަގަކުރައްވާފައިވާނެ ކަމަށް ވަޒީރު ޚަލީލު ވިދާޅުވިއެވެ.

އަދި ސިއްޙީ ދާއިރާއިން ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމުތަކަށް މާލީ އެހިތެރިކަން ދިނުމުގައި ޚާއްސަ އިސްކަމެއް ދިނުމަށް ބާރު އަޅުއްވާފައިވާނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

"ބަޖެޓު އެލޮކޭޝަންގައި ރާއްޖެ ފަދަ ކުދި ޤައުމުތަކަށް، ހާއްސަ ސަމާލުކަމެއް ދެވޭނެ އިންތިޒާމެއް، އަދި ހިންގުމުގެ ތެރެއިން، ރީޖަންތަކަށް ހިންގުމުގެ ބައެއް ބާރުތައް ދޫކޮށްލުމަށް ބާރު އަޅާފައިވާނެ،" ވަޒީރު ޚަލީލު ވިދާޅުވިއެވެ.

ކޮޕް-28 މިމަހުގެ 12ގެ ނިޔަލަށް ކުރިއަށްދާނެއެވެ. 70000 ފަރާތަކުން މިއަހަރުގެ ކޮޕްގައި ބައިވެރިވާއިރު، އޭގެތެރޭގައި ޤައުމުތަކުގެ އިސްވެރިންނާއި އެކި ސިނާޢަތްތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްޞީލުކުރާ ފަރާތްތަކާއި ތަޢުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުން ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.