ޚަބަރު

މާރާމާރީ ހިންގުމަށް ތައްޔާރުކޮށްއިފައި ހުރި ކަމަށް ބެލެވޭ ތަކެތި އައްޑޫ ސިޓީން ހޯދައިފި


  • މާރާމާރީ ހުއްޓުވުމަށް އައްޑޫ ސިޓީގައިދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން

  • މިއޮޕަރޭޝަންގެ ދަށުން މިހާތަނަށް 10 މީހުންވަނީ ހައްޔަރުކޮށްފައި

ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް އައްޑޫ ސިޓީގައި ކުރިއަށްދާ ޚާއްސަ އޮޕަރޭޝަންގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްއިފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި އެނޫންވެސް އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށްދާ އޮޕރޭޝަންގެ ތެރޭގައި ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާ ކަމަށެވެ. އަދި މިގޮތަށް ބަލައި ފާސްކުރުމުގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްއިފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން އަންނަނީ ތަޙްގީގުކުރަމުން ކަމަށްވެސް ވިދާޅުވެއެވެ.

އައްޑޫ ސިޓީގައި ކުރިއަށްދާ މިއޮޕަރޭޝަންގައި މިހާތަނަށް 10 މީހުންވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ 2 މީހުންނާއި، 20 އަހަރުގެ 3 މީހުންނާއި، 21 އަހަރުގެ މީހަކާ އަދި 23 އަހަރުގެ 3 މީހުންނެވެ. މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 10 މީހުންވެސް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް މި ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި އޮޕަރޭޝަން ކުރިއަށް ގެންދަނީ އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ގުޅިގެންނެވެ.