އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިތުރު ވަގުތުގައި ޑެކްލަން ރައިސް ޖެހި ގޯލުން 4-3 އިން ލޫޓަން ޓައުން ބަލިކޮށް އާސެނަލުން ލީގުގެ އެއް ވަނައިގައި ފަސް. ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މެޗުގައި ބުކާޔޯ ސަކާ ދިން ބޯޅައަކުން 20 ވަނަ މިނިޓްގައި ގަބްރިއެލް މާޓިނެލީ ވަނީ އާސެނަލަށް ލީޑުނަގައިދީފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ގަބްރިއެލް އޮޝޯ ވަނީ ލޫޓަން އަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަބްރިއެލް ޖީސޫސް ވަނީ އާސެނަލަށް ލަނޑެއް ޖަހައިދީ އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިިނިޓް ތެރޭ އެލައިޖާ އަޑެބަޔޯ ވަނީ ގޯލެއް ޖަހައި ލޫޓަން އަށް އަނެއްކާވެސް އެއްވަރުކޮށްދީފަ އެވެ. އޭގެ 10 މިނިޓް ފަހުން، ރޮސް ބާކްލީ ވަނީ ގޯލެއް ޖަހައި މެޗުގައި ލޫޓަން އަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދީފަ އެވެ.
ލޫޓަން އިން ލަނޑު ޖެހިތާ 3 މިނިޓް ފަހުން ކައި ހަވާޓްޒް ވަނީ ލަނޑެއް ޖަހައި އާސެނަލަށް އެއްވަރުކޮށްދީފަ އެވެ. މެޗު އެއްވަރުވެގެން ނިމޭނެ ކަމަށް ބެލެވިފައިވަނިކޮށް، ރައިސް، އާސެނަލް މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިިނިޓް ކުޅެ، 20 ސިކުންތު ހިނގި ފަހުންނެވެ. މިއީ މާޓިން އޮޑެގާޑް ދިން ބޯޅައަކުން ރައިސް ޖެހި ގޯލެކެވެ.
މި މޮޅާއެކު އާސެނަލް އެއްވަނައިގައި އޮތީ 15 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ލިވަޕޫލުން 14 މެޗުން ވަނީ 31 ޕޮއިންޓް ހޯދައިފަ އެވެ. ލިވަޕޫލުން މިރޭ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ އެވެ