ޚަބަރު

އިންޑިއާ ސިފައިންގެ އަދަަދުތައް ޔަގީންނުވަނީ ކުރީ ސަރުކާރުން އެކަން ސިއްރު ކުރުމުން: ސިރާޖް


ރާއްޖޭގައި ތިބިކަމަށް ތުޙުމަތުކުރާ އިންޑިއާ ސިފައިންގެ އަދަަދުތައް ޔަގީން ނުވަނީ ކުރީގެ ސަރުކާރުން އެ މައުލޫމާތުތައް ހާމަނުކޮށް، ސިއްރުކޮށްފައި އޮތުމުންކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

މޫސާ ސިރާޖް މިހެން ވިދާޅުވީ، އިންޑިއާ ސިފައިންގެ މައްސަލައިގައި މަޖިލީހަށް މިއަދު ހުށައެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުނެވެ.

ބާރާށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި މި މައްސަލަައަކީ ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދުތައް ހާމަކުރުން ލަސްވަމުންދާތީއާއި ބޭރުގެ ގައުމުތަކާއެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ތަފްސީލް ހާމަކުރުން ލަސްވަމުންދާކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މޫސާ ސިރާޖް ވިދާޅުވީ، ކުއްލި މައްސަލައެއް ގޮތުގައި މަޖިލީހަށް މި މައްސަލަ ހުށައަޅައިގެން ރައްޔިތުންނަށް އޮޅޭ ގޮތަށް އެމްޑީޕީ މެންބަރުން ވާހަކަފުޅު ދައްކަވަމުންދާކަމަށެވެ.

ސިރާޖުގެ ވާހަކަފުޅާއި އެއްގޮތަށް ސަރުކާރަށް ތާއީދު ކުރައްވާ އެހެން މެންބަރުންވެސް ވަނީ، އިންޑިއާ ސިފައިންގެ އަދަދުތަކާއި ގުޅޭ މައުލޫމާތު ކުރީ ސަރުކާރުން ރައްކާތެރިގޮތެއްގައި ބަލަހައްޓާފައި ނެތްކަމަށެވެ. އަދި ރައްޔިތުންނަށް އެކަމުގެ މައުލޫމާތުވެސް ދީފައިނުވާކަމަށް މެމްބަރުން ވިދާޅުވިއެވެ.

"މުޅިން އޮޅުވާލައިގެން ކުރީގެ ސަރުކާރުން މިކަން ގެންގުޅުނީ އެއްވެސް މައުލޫމާތެއް މަޖިލީހަށްވެސް އަދި ރައްޔިތުންނަށްވެސް ހާމަކޮށްފައެއް ނުވޭ އަދި ލިޔެކިޔުން ތައް ބަލަހައްޓާފައެއްނެތް، އެހެންވީމަ އަދަދުތަކަށްވެސް ބަދަލުތަކެއް އަންނާނެ އަދި އޭގެ ޟައްހަ މައުލޫމާތު ހޯދުމަށް ފަހު ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙަމަދު މުއިއްޒު އެކަން ރައްޔިތުންނަށް އާންމު ކުރައްވައި އެމީހުން މިޤައުމުން ބާލާނެކަމުގެ ޔަޤީންކަން އެބައޮތް" ސަރުކާރުގެ މެންބަރުން ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީ މެންބަރުން ވަނީ އިންޑިއާ ސިފައިންގެ ސައްޙަ އަދަދު އާންމުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ސަރުކާރުން މިހާރު އާންމު ކޮށްފައިވާ އިންޑިއާ ސިފައިންގެ އަދަދަށް ބަލާއިރު 89 ސިފައިން ތިބިކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބޭރު ގައުމުތަކާ އެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ދިރާސާ ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައިގެން ކުރިއަށްދާކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.