ޚަބަރު

ސަރުކާރުގެ އަމާޒު: ވައިގެ މަގުން މުޅި ދުނިޔެއާއި ރާއްޖެ ގުޅާލުން


  • އޭވިއޭޝަންގެ ދާއިރާއިން ރާއްޖެވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި

  • ވީއައިއޭގެ އައު ޓާމިނަލް އަންނަ އަހަރު ހުޅުވަނީ

  • ދުނިޔޭގެ ގިނަ މަންޒިލްތަކަކުން ރާއްޖެއާއި ގުޅުވާލުމަށް މަސައްކަތް ކުރަނީ

ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ދުނިޔޭގެ އެއް ޤައުމު އަނެއް ޤައުމާއި ގުޅާލަދޭ އެންމެ މުހިންމު އެއް ވަސީލަތެވެ. ޤައުމެއްގެ އިޤްތިސާދާއި މި ދާއިރާއާއި އޮންނަ ގުޅުން ބޮޑުކަމުން މިދާއިރާވެފައިވަނީ ހުރިހާ ޤައުމަކަށްވެސް މުހިއްމު ދާއިރާއަކަށެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަސް ފާހަގަކުރަމުންދަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން ޑޭ ނުވަތަ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެގޮތުގައެވެ. މި ދުވަސް ފުރަތަމަ ފާހަގަ ކުރަން ފެށީ 1994 ވަނަ އަހަރު އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއަށް 50 އަހަރު ފުރުމުގެ ޙަރަކާތްތަކުގެ ތެރެއިންނެވެ.

ދުނިޔޭގެ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުތަކުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އޭވިއޭޝަން ދާއިރާއަކީ ކިހާ މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ހާމަކޮށްދީ، އެ ދާއިރާއާމެދު މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރިކުރުވުމެވެ. އަދި އދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމުގައި އޭވިއޭޝަން ދާއިރާއިން އަދާކުރާ ދައުރާއި، އެ ދާއިރާއަށް ދެވޭ ސަމާލުކަން އިތުރުކޮށް، ދެމެހެއްޓެނިވިގޮތެއްގައި އެ ސިނާޢަތް ކުރިއަރުވާ ތަރައްޤީކުރުމަށް ޤައުމުތަކަށް ބާރުއެޅުމެވެ.

ރާއްޖޭގެ މަދަނީ ވައިގެދަތުރުގެ ސިނާޢަތް ވަރަށް އާދައިގެ ގޮތަކަށް ފެށިގެން ދިޔަނަމަވެސް މިއަދު އެ ސިނާޢަތަކީ ދިވެހި ޤައުމަށް މުހިންމު އަދި ލާބައާއި މަންފާކުރަނިވި އިޤުތިޞާދީ ޙަރަކާތެކެވެ. ދިވެހި އިގުތިޞާދުގެ މައިބަދަ ހިފަހައްޓައި ދިނުމުގެ މުހިންމު ބައިވެރިއެކެވެ.

މި ދުވަހާއި ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ކެޕްޓަން މުޙައްމަދު އަމީން ވިދާޅުވީ، ވޭތުވެ ދިޔަ އަހަރުގެ ޙަރަކާތްތަކަށް ބަލާއިރު މަދަނީ އުދުހުންތައް ބޭނުންކުރާ ފަސިންޖަރުންގެ ޢަދަދު އިތުރުވަމުންދާކަށެވެ. ކޯވިޑަށްފަހު ރާއްޖެއިން އަމާޒު ހިފާފައިވަނީ 2019 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން އައި އަދަދާއި އެއްވަރަށް ގެންދިއުމަށްކަމަށާއި މިއަހަރު ނިމޭއިރު މި ލަނޑުދަނޑި ހާސިލްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މަދަނީ އުދުހުންތަކުގެ ވިއުގައެއް ޤާއިމްކުރުމުގެ މަސައްކަތުގައި ސަރުކާރުގެ އެންމެ މުހިންމު ދައުރެއް އެކުލެވިގެންވަނީ މި ސިނާއަތައް ބޭނުންވާ ބިނާރު ޤާއިމްކުރުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އާބާދުވެފައިވާ ހުރިހައި ސަރަހައްދަކުންނާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ހިސާބުތަކުން ފަސޭހަކަމާއިއެކު ވައިގެމަގުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ އަމާޒެއް. ހަމައެއާއިއެކު ބައިނަލްއަޤްވާމީ ދޮރޯށިތައް ގިނަކުރުމާއި އަޅުގަނޑުމެންގެ މައިދޮރޯށި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ލިބޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް. " މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓްތައް ބިނާކުރުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ބައިނަލްއަޤްވާމީ ގިމަތައާއި، އޮޕަރޭޓަރުންނަށް ފޯރުކޮށްދެވޭ ޒަމާނީ ހިދުމަތްތަކާއިއެކު ރާއްޖޭގެ މަދަނީ އުދުހުމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތްކަމަށެވެ.

ރާއްޖޭގެ އެތެރޭގެ ވިއުގައާއި ގުޅިލާމެހިފައިވާ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ މަގުތައް އިތުރުކުރުމުގެ މަސައްކަތް ކޮންމެ އަހަރަކުވެސް ކުރެވެމުންދާކަން ވަޒީރު ކެޕްޓަން މުޙައްމަދު އަމީން ފާހަގަކުރެއްވިއެވެ. އެގޮތުން ދޭދޭ ގައުމުތަކާއިއެކު ރާއްޖެއިން ވަނީ ޖުމްލަ 54 ވައިގެ ހިދުމަތްތަކާއިބެހޭ އެއްބަސްވުން ޤާއިމްކޮށްފައިކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މި އަދަދު އިތުރުކޮށް މުޅި ދުނިޔެއާއި ވައިގެމަގުން ރާއްޖެ ގުޅިގެންދާ މިންވަރު އިތުރުކުރުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އޭވިއޭޝަންގެ ދާއިރާއިން ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދަމުންދާއިރު ދާދިފަހުން ރާއްޖޭގައި ވަނީ ދުނިޔޭގެ އެންމެ ފުރަތަމަ "ޕްރިމިއަމް އެއަރލައިން" ލޯންޗްކޮށްފައެވެ. ބިއޯންޑްގެ ނަން ދީފައިވާ މި އެއަރލައިންގެ ހިދުމަތް މިހާރު ފަށައި އަންނަނީ ހިދުމަތްދެމުންނެވެ.