ޚަބަރު

ފްލެޓްތަކުގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރުކުރަނީ


  • ކުރީގެ މިނިސްޓަރުގެ އިތުރުން، މިހާރުގެ މިނިސްޓަރުވެސް މަޖިލީހަށް ހާޒިރުކުރަން ނިންމި

  • އޭސީސީގެ މެމްބަރުންވެސް ހާޒިރުކުރާނެ

  • ޕެޓިޝަން ކޮމެޓީގައި މިހާރު ކުރިއަށް ދަނީ ފްލެޓު ހަވާލުކުރުން ލަސްވާތީ ހުށަހަޅާފައިވާ ޕެޓިޝަނުގެ މައްސަލަ

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގައި ހުރި މައްސަލަތަކާއި ގުޅިގެން ކުރީގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

ޕެޓިޝަން ކޮމިޓީން މިގޮތަށް ނިންމީ "ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނޭކަމަށް ގެޒެޓު ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި އަދި އެކަމުގެ މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓުތައް ބާޠިލް ނުކުރުމަށް" އެދި ހުށައަޅާފައިވާ ޕެޓިޝަނާއި ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހެޅުއްވި ހުށަހެޅުމާއި ގުޅިގެނެވެ.

ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުރީގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ އިތުރުން ގެދޮރުވެރިކަމާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރާއި އެ ވުޒާރާގެ އިސްވެރިންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިންވެސް މަޖިލީހަށް ހާޒިރުކުރުމަށް ނިންމިއެވެ. އެގޮތުން ދެން އެންމެ އަވަހަށް އޮންނަ ކޮމިޓީގެ ބައްދަލުވުމަކަށް އެ ބޭފުޅުން ހާޒިރުކުރުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ޕެޓިޝަން ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ މުޙައްމަދު އާރިފް ހާޒިރުކޮށްފައެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ މަސައްކަތްތައް ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ވަނީ އެ ބޭފުޅުންނާއި ސުވާލުކޮށްފައެވެ.

މި ކޮމިޓީއަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ އިސް ބޭފުޅުންނާއި މިހާރުގެ އިސް ބޭފުޅުން ހާޒިރުކުރަމުންދާއިރު، އެ ކޮމިޓީއަށް ވަނީ އޭސީސީގެ މެމްބަރުންވެސް ހާޒިރުކޮށްފައެވެ. އަދި އޭސީސީން ވަނީ ގެދޮރުވެރިޔާ ސްކީމް ހިންގުމުގައި ކުރީ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، އެ މައްސަލަތައް ބައްލަވަމުން ގެންދަވާކަން ފާހަގަކޮށްފައެވެ. އެގޮތުން، ބައެއް ފަރާތްތަކަށް ދޭން ޖެހޭ ވަރަށްވުރެ އިތުރަށް މާކްސް ދިނުމާއި، އަތޮޅުތެރޭގައި ދިރިއުޅޭ ބައެއް މީހުން މާލޭގައި އުޅޭކަމަށް ބަލައިގެން ޕޮއިންޓް ދިނުން ފަދަ މައްސަލަތައް ހިމެނެއެވެ.

ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މިދިއަ ނޮވެންބަރުމަހުގެ 5 ވަނަ ދުވަހު ހާމަކުރެއްވުމާއިއެކު، 7000 އަށްވުރެ ގިނަ މީހުން ވަނީ ފްލެޓުތައް ދޫކުރި ގޮތާއި ގުޅޭގޮތުން ނުރުހުން ފާޅުކޮށް ޝަކުވާ ހުށަހަޅާފައެވެ. މި ޝަކުވާތަކާއި ގުޅިގެން، ފްލެޓު ލިސްޓު ތަހުގީގުކުރުމަށް، ފްލެޓު ހަވާލުކުރުމުގެ ކަންކަން ހުއްޓާލުމަށް އޭސީސީން އޭރުގެ ހައުސިން މިނިސްޓްރީއަށް އެންގީ ނޮވެންބަރުމަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ފްލެޓު ހަވާލުކުރުމުގެ ކަންކަން ވަނީ ހުއްޓާލާފައެވެ. އަދި ފްލެޓު ލިސްޓު އޭސީސީން ތަހުގީގުކޮށް އަދިވެސް ނުނިމޭތީ، މިހާރުގެ ސަރުކާރުންވެސް ވަނީ ފްލެޓު ހަވާލުކުރުމުގެ ކަންކަން މަޑުޖައްސާލާފައެވެ.