ކުޅިވަރު

ބުރު ސްޕޯޓްސް ބަލިކޮށް މާޒިޔާއިން އީގަލްސްއާ ޕޮއިންޓަކާ ގާތަށް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބު ކޮޅަށް ޖެހި ހަ ލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައިގައި އޮތް ކުލަބު އީގަލްސްއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސް މިނިޓް ތެރޭ، ދަނޑުގެ ލައިޓް ނިވުމާ އެކު، މެޗުގެ ކުޅުން ހުއްޓާލި އެވެ. ކުޅުން ފެށީ އެ މައްސަލަ ހައްލުކުރުމަށް ފަހު ބައި ގަޑިއިރަށްވުރެ ފަހުންނެވެ.

ފުރަތަމަ ހާފުގައި މާޒިޔާއިން ތިން ލަނޑު ޖެހިއެވެ. މާޒިޔާ އިން ލީޑުނެގީ ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކުރި ޕެނަލްޓީންނެވެ. ދެވަނަ ލަނޑު ލިބުނު ރީބައުންސް ބޯޅައަކުން ކާމިޔާބުކުރީ މި މެޗުގައި ހެޓްރިކެެއް ހެދި ސާބިއާގެ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް އެވެ. ބަލަބަނޮވިޗްގެ އެހީއާއެކު މާޒިޔާގެ ތިން ވަނަ ގޯލު ޖެހީ ޖަޕާންގެ މިޑްފީލްޑަރު ޓޮމޯކީ ވާޑާ އެެވެ.

ދެވަނަ ހާފުގައި ލައިޓުގެ މައްސަލަ ހައްލުކުރި ފަހުން މާޒިޔާގެ ބަލަބަނޮވިޗް ވަނީ ދެ ގޯލު ޖަހާފައެވެ. އަދި އެ ޓީމުގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ.

މި މޮޅާއެކު މާޒިޔާ ވަނީ ލީގުގެ އެއް ވަނައިގައި އޮތް ކްލަބް އީގަލްސްއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލާފައެވެ. އީގަލްސް އެއްވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ ދެވަނައިގައި އޮތީ 12 މެޗުން 34 ޕޮއިންޓާއެކު އެވެ. އީގަލްސް އަށް އޮތީ މި މަހު 19 ވަނަ ދުވަހު މާޒިޔާއާ ކުޅޭ މެޗެވެ. އީގަލްސްއާ ކުޅޭ މެޗުގެ އިތުރުން މާޒިޔާ އަށް ދެން އޮތީ ޓީސީ ސްޕޯޓްސް ކްލަބާ ކުޅެން ޖެހޭ މެޗެވެ.

މާޒިޔާއިން ދެން މެޗެއް ކުޅޭނީ މި މަހުގެ 11 ގައެވެ. އެއީ އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގައި މާޒިޔާގެ ފަހު މެޗެވެ. މި މެޗުގައި މާޒިޔާ ބައްދަލުކުރާނީ އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓްސްއާ އެވެ.