މި މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް އަނެއްކާވެސް ފަސްކޮށްފިއެވެ.
ޖުމްލަ 15 ޓީމާއެކު މި މުބާރާތް މި މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތްކުރާއިރު، މުބާރާތް އެންމެ ފުރަތަމަ ބާއްވަން މަސައްކަތްކުރީ ނޮވެމްބަރު 20 ވަނަ ދުވަހުގައެވެ. އެއަށްފަހު އޭގެ ފަސް ދުވަސް ފަހުން މުބާރާތް ފަށާނެކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެފްއޭއެމް ވަނީ ޑިސެމްބަރު 10 ގައި މުބާރާތް ފަށާނެކަން ހާމަކޮށްފައެވެ.
ދެވަނަ ޑިވިޝަން ފެށުން ލަސްވާނެކަން ހާމަކުރީ އެފްއޭއެމުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ ޖައުޝަން ޝަރީފެވެ. އެފްއޭއެމުގެ މީޑިއާ ގްރޫޕުގައި ޖައުޝަން ވިދާޅުވީ، މުބާރާތް އެ ތާރީޚަށްވުރެ ފަސްވާނެކަމަށާއި, ފަށާނެ ދުވަސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ ގިނަ ޓީމްތަކަކުން ދުރާލާ ތައްޔާރުވަމުން އަންނަ އެއް މުބާރާތެވެ. އަދި މިހާރު ދިވެހި ފުޓުބޯޅައިގައި ޓީމުތަކުން ކުރާ ހަރަދުތަކަށް ބަލާއިރު އެންމެ އަގުބޮޑު މުބާރާތެވެ. ތިންވަނަ ފަހަރަށް މި މުބާރާތް ފަސްކުރުމަށް އެފްއޭއެމުން ނިންމިއިރު ގިނަ ކުލަބުތަކަކުން ވަނީ ބޮޑު ހަރަދުތަކެއް ކޮށްފައެވެ. އަދި ގިނަ ބިދޭސީ ކުޅުންތެރިންތަކެއް ވެސް ގެނެސްފައެވެ.
މިއަހަރުގެ މުބާރާތަށް އެންމެ ބޮޑު ތައްޔާރުވި ދެ ޓީމަކީ ރާއްޖޭގެ ފުޓުބޯޅައިގެ ރަސްކަން ކުރަމުން އަންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. މި ދެ ކުލަބުން ވަނީ ބިދޭސީ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ކުޅުންތެރިންނާއެކު ވަރުގަދަ ސްކޮޑުތަކެއް އެކުލަވާލާފައެވެ.
މުބާރާަތް ލަސްކުރުމާއެކު ދެވަނަ ޑިވިޝަންގައި ވާދަކުރާ ގިނަ ކުލަބުތަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އެ ކުލަބުތަކުން ވަނީ މީގެކުރިން ބުނެފައެވެ. ދެވަނަ ޑިވިޝަނަށް އެންމެ ވަރުގަދައަށް ތައްޔާރުވާ ޓީމުތަކުގެ ތެރޭގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ހިމެނޭއިރު ދެ ކުލަބުންވެސް ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ފަރިތަކުރުންތައް ފަށާފައެވެ.
މި ކުލަބުތަކުގެ އިތުރުން ތިންވަނަ ޑިވިޝަންގެ ތަށި ހޯދައިގެން ދެވަނަ ޑިވިޝަނަށް އެރި ބިސްބުރު ސްޕޯޓްސް ކުލަބާއި، މަސްއޮޑި ސްޕޯޓްސް ކުލަބުންވެސް އަންނަނީ ދެވަނަ ޑިވިޝަނަށް ދުރާލާ ތައްޔާރުވަމުންނެވެ. ދެވަނަ ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބުރު ސްޕޯޓްސް ކުލަބެވެ.