ޚަބަރު

ރައީސް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތައް އަންނަ ހަފްތާގައި ފަށްޓަވަނީ


  • ރައީސްވަނީ އެންމެ ފުރަތަމަ ގުރައިދޫއަށް ވަޑައިގަންނަވަން ވަޢުދުވެވަޑައިގެންފައި

  • ހުރިހާ ރަށަކަށްވެސް ދަތުރުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅު އަންނަ ހަފްތާތެރޭގައި ފަށްޓަވާނެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓުން މަސައްކަތްކުރައްވާނީ ރައްޔިތުންނާއި ގާތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު މަސައްކަތްކުރެއްވުމަށް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، މިދަތުރުފުޅުތަކުގައި ރައްޔިތުން ގާތަށް އެމަނިކުފާނާއި އެމަނިކުފާނުގެ ކެބިނެޓްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަޑައިގަންނަވާނެކަމަށެވެ.

"ރައްޔިތުން ގާތަށް އަޅުގަނޑުމެން ދާނެ، އަންނަ ހަފްތާގެ ތެރޭގައި މިދަތުރުތައް ފެށޭނެ. ކޮންމެ ރަށަކަށްވެސް ދާނަން. މާލޭގެ އެކި ދިމަދިމާލަށްވެސް އަޅުގަނޑުމެންގެ ޓީމުތައް ދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދަތުރުފުޅުތަކަކީ ސަރުކާރު ހިންގުމުގެ ޒިންމާއެއް ނުވަތަ ސިލްސިލާ މަސައްކަތެއްގެ ގޮތުގައި ކުރައްވާނެކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުވަނީ އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ.ގުރައިދޫއަށް ކަމަށް ވިދާޅުވެފައެވެ. މިގޮތަށް ނިންމަވާފައިވަނީ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު އެމަނިކުފާނަށް ދެއްވި ރަށަކީ ތ.ގުރައިދޫކަމަށްވާތީއެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޓީމުންވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވާ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި ވެރިކަމުގެ ދައުރުގެ ތެރޭގައިވެސް އެމަނިކުފާނު މަސައްކަތްކުރައްވާނީ ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތައް އަޑުއައްސަވާ އަދި ރައްޔިތުންގެ ލާބައަށް ކަމަށްވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ތާޢީދު އެމަނިކުފާނަށް އޮތްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީއަށް މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ރައްޔިތުން ދެއްވާނެ ކަމަށް ޔަގީންކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.