ޚަބަރު

ޔޫއެސްއެއިޑުން 21 މިލިއަން ޑޮލަރުގެ އެހީ ޣައްޒާއަށް ފޯރުކޮށްދެނީ


ހަނގުރާމައިގެ ސަބަބުން ފެނާއި ކާނާއާއި ބޭހާއި ތެލަށްވެސް ޖެހިފައިވާ ޣައްޒާގެ ގާތްގަނޑަކަށް 2.2 މިލިއަން މީހުންނަށާއި ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 21 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)އިން ޢިޢުލާނުކޮށްފިއެވެ.

ޔޫއެސްއެއިޑުން އެ ގޮތަށް ޢިޢުލާންކޮށްފައިވަނީ އެ އިދާރާގެ ޑިރެކްޓަރ ސަމަންތާ ޕަވަރ މިޞްރުގެ ޢަލް އާރިޝް ސިޓީގައި ހުންނަވާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ޢަލް-އާރިޝް އަކީ ޣައްޒާއަށް ބައިނަލްއަޤުވާމީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެވެ.

ސަމަންތާ ވިދާޅުވި ގޮތުގައި 21 މިލިއަން ޑޮލަރުގެ އެހީ އަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން މީގެ ކުރިން ޣައްޒާއަށް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ 100 މިލިއަން ޑޮލަރުގެ އެހީގެ އިތުރުން ފޯރުކޮށްދޭ އެހީއެކެވެ. އެ އެހީގެ ތެރޭގައި 120،000 މީހުންނަށް ބޭނުންކުރެވޭނެ ވަރަށް އެހީގެ ސާމާނު ހުންނާނެ ކަމަށްވެސް ސަމަންތާ ވިދާޅުވިއެވެ.

މީގެ އިތުރުން ޢައްޒާގެ ޢާއްމުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި މުހިންމު އެހެނިހެން ސިއްޙީ ޚިދުމަތްތައްވެސް ޔޫއެސްއެއިޑުން ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. ޔޫއެސްއެއިޑްގެ އެ އެހީގެ ސަބަބުން ޣައްޒާގައި މިވަގުތު ހުރި ވަގުތީ ހޮސްޕިޓަލްތަކަށް ވެސް އެހީތެރިކަން ލިބޭނެއެވެ. ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ 60 އިންސައްތަ ހޮސްޕިޓަލްގެ ޚިދުމަތް ދިނުން މި ވަގުތު އޮތީ ހުއްޓާލައިފައެވެ.

ޔޫއެސްއެއިޑުން 21 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނޭކަމަށް ޢިޢުލާނުކޮށްފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ދަށުން ހިންގާ ސެންޓްރަލް ކޮމާންޑުން 16.3 މެޓްރިކް ޓަނުގެ ސިއްޙީ ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި ނިއުޓްރިޝަންސް ޣައްޒާއަށް ފޯރުކޮށްދީފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދިން ނަމަވެސް ޖައްބާރު ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތައް ހިންގުމުގައި ޔަހޫދީންނަށް އެންމެ ބޮޑަށް ވާގިވެރިވަނީ އެމެރިކާއިންކަން ފާހަގަކޮށްލަންޖެހެއެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީން އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 16000އަށް ވުރެ ގިނަ ފަލަސްޠީނުގެ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އެއްވެސް ކުށެއްނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.