ޚަބަރު

މިދިއަ އާދިއްތަ ދުވަހު، އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު 4 މީހަކު ހައްޔަރުކޮށްފި


  • އާދިއްތަ ދުވަހުގެ މާރާމާރީއާ ގުޅިގެން ޖުމްލަ 9 މީހަކު ހައްޔަރުކޮށްފައިވޭ

  • ހުކުރު ދުވަހު ހިނގާދިޔަ މާރާމާރީގައި ޖުމްލަ 5 މީހަކު ވަނީ ހައްޔަރުކޮށްފައި

  • މި މާރާމާރީތަކާއި ގުޅިގެން އައްޑޫގައި ސަލާމަތީ ކަންކަން ފުލުހުން ވަނީ ވަރުގަދަ ކޮށްފައި

މިދިއަ އާދިއްތަ ދުވަހު، އައްޑޫގައި ހިނގާ ދިޔަ މާރާމާރީ އާއި ގުޅިގެން އިތުރު 4 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18، 20، 21 އަދި 23 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި މާރާމާރީ އާއި ގުޅިގެން މީގެ ކުރިންވެސް ވަނީ 5 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އެ ދުވަހު ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރު ކުރި 4 މީހަކާއި، އިއްޔެ ހަރުކުރި މީހެކެވެ.

މިދިއަ ހުކުރު ދުވަހުވެސް، އައްޑޫ ސިޓީގައި ވަނީ މާރާމާރީއެއް ހިންގާފައެވެ. މި މާރާމާރީ އާއި ގުޅިގެން ޖުމްލަ 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އައްޑޫގައި ހިނގާދިޔަ މި ދެ މާރާމާރީގައި ވެސް 2 މީހަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އާދިއްތަ ދުވަހު ހިނގާދިޔަ މާރާމާރީގައި ޒަޚަމްވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހުކުރު ދުވަހު، ހިނގާދިޔަ މާރާމާރީގައި ޒަޚަމްވި މީހާގެ ހާލު ސީރިއަސްވެ، މިހާރު އޭނާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

މި މާރާމާރީތަކާއި ގުޅިގެން ފުލުހުންވަނީ އައްޑޫ ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެކަމާއި ގުޅޭ ޚާއްސަ އޮޕަރޭޝަނެއް، އައްޑޫގައި ހިންގަން ފަށާފައެވެ.