އާސަންދައިގެ ދަށުން އައިވީއެފްގެ ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގައި ނިންމެވި ނިންމެވުންތައް ޢިއުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާސަންދަ މެދުވެރިކޮށް އައިވީއެފް ނުވަތަ ދަރިމައިވުމާއި ގުޅޭގޮތުން އާސަންދައިގެ ގަވާއިދު އިސްލާޙުކުރައްވާ އެކަމަށް ބޭނުންވާ އުސޫލުތައް ހައްދަވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ ފަރޓިލިޓީ ސެންޓަރު އިތުރަށް ހަރުދަނާކުރައްވާ ދަރިމައިވުމުގެ ސިއްޙަތުގެ ދާއިރާ ނުވަތަ އައިވީއެފަށް ޚާއްސަ 30 މިލިއަން ރުފިޔާގެ ފަންޑެއް ތަރައްޤީކުރައްވާނެކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން މިޚިދުމަތްދޭ ހޮސްޕިޓަލްތަކުންވެސް އާސަންދަ މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ރާއްޖެއިން ބޭރުގެ މިޚިދުމަތްދޭ ހޮސްޕިޓަލްތައް އާސަންދައިގެ ދަށުން ގްރޭޑް ކުރައްވާ އެތަންތަނުންވެސް ޚިދުމަތްލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށެވެ.
އާސަންދަ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
އާސަންދައިގެ ދަށުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އާސަންދައަށް އެންމެ ބުރަ ބޮޑުވާކަންކަމުގެ ތެރޭގައި ދާއިމީ ބޮޑެތި ބަލިތައް ގިނަވުން ހިމެނޭއިރު ރައީސުލްޖުމްހޫރިއްޔާވަނީ އެފަދަ ބަލިތައް ދުރާލާ ދެނެގަނެވޭނެހެން އާސަންދަ މެދުވެރިކޮށް ޑޮކްޓަރުންގެ ލަފާގެ މަތިން އަހަރަކު ދެފަހަރު އެފަދަ ބަލިތަކަށް ޓެސްޓް ހެދޭނެގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕްރިވެންޓިވް ހެލްތު ކެއަރ ވަރުގަދަކުރައްވާ ބަލިތަކުން ރައްކާތެރި މުޖުތަމަޢެއް ބިނާކުރެއްވުމަކީ ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ.. މިކަމުގައި އެކި ޢުމުރުފުރާއަށް ޚާއްސަ ޕެކޭޖްތައް ހައްދަވާ ދުރާލާ ބަލިތައް ދެނެގަނެވޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރެއްވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަން ކުރެވޭނެ އިންތިޒާމު އަތޮޅުތެރޭގައިވެސް ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އާސަންދައަކީ މާލީ ބޮޑު ބުރައެއް ދައުލަތުން އުފުލާ ޚިދުމަތަކަށްވާއިރު އެކަން ރަނގަޅުކުރުމަށް އާސަންދައިގެ ހިންގުން ވަރުގަދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން ޗެކް އެންޑް ބެލެންސް އުސޫލުން އާސަންދަ ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
އާސަންދައިގެ ދަށުން ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު ދައުލަތުގެ ފަރާތުން މިޚިދުމަތްދިނުމަށް އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.