ކުޅިވަރު

ބާސްކެޓުގައި ބައިނަލްއަޤްވާމީ ފުރަތަމަ މެޑަލް ރާއްޖެ ހޯދައިފި


ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބާސްކެޓް ބޯޅައިން މެޑަލްއެއް ރާއްޖޭގެ އަންހެން ބާސްކެޓް ޓީމް ހޯދައިފިއެވެ. 

ނޭޕާލްގައި ކުރިއަށްދާ ސައުުތު އޭޝިއަން ވިމެންސް ބާސްކެޓް ބޯޅަ މުބާރާތުގެ ލޯ މެޑެލް ރާއްޖޭގެ އަންހެން ބާސްކެޓް ޓީމް ހޯދީ މޮޅު ކުޅުމަކަށްފަހު ބޫޓާން ބަލިކޮށެވެ. ތިންވަނަ ހޮވި މެޗް ރާއްޖެ ކާމިޔާބުކުރީ 69 ޕޮއިންޓް 46 ޕޮއިންޓުންނެވެ.

 މެޗްގެ ކޮންމެ ކުއަޓަރއެއްގައިވެސް ކުރީގައި އޮތީ ރާއްޖެއެވެ. ރާއްޖެ ވަނީ އިއްޔަ ބަންގްލަދޭޝްވެސް ބަލިކޮށްފައެވެ. ރާއްޖެއިން ސާބާ ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވަނީ ވަރަށް ޒުވާން ޓީމެކެވެ.

 މެޗަށްފަހު ރާއްޖޭ ޓީމްގެ ކޯޗް އަހުމަދު ނަޒީފު ބުނީ މިއީ އަބަދުވެސް އެންމެ އުއްމީދު ކުރި ދުވަސް ކަމަށާއި، ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް މެޑަލް ލިބުމަކީ އަބަދުވެސް ދެކުނު ހުވަފެނެއް ކަމަށެވެ.

" ރާއްޖެއިން ވާދަކުރި ޒުވާން ކުޅުންތެރިން ވަރަށް މޮޅު ކުޅުމެއް މުބާރާތުގައި ދައްކައިފި. އެކުޅުންތެރިން ކެރިއާ މިފެށީ މެޑަލްއަކާއެކު. މިއީ ރަނގަޅ ފެށުމެއް" ނަޒީފު ބުންޏެވެ.

ސަރަހައްދުގެ ފަސް ޤައުމު ވާދަކުރާ ސާބާ ވިމެންސް ބާސްކެޓް މުބާރާތުގެ ފަހު މެޗް ކުޅޭނީ މާދަމާއެވެ. ލަންކާއާ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލް ވާދަކުރާ މިމެޗުން މޮޅުވާ ޓީމަކަށް ރަންމެޑަލް ލިބޭނެއެވެ.