ޚަބަރު

އައްޑޫ ސިޓީކައުންސިލްގެ ކަންބޮޑުވުންތައް ސަރުކާރާ ޙިއްޞާކޮށްފި


އައްޑޫ ސިޓީކައުންސިލްގެ މެންބަރުންގެ ވަފްދެއް ސަރުކާރުގެ އެކި ވުޒާރާތަކަށްގޮސް ކައުންސިލްގެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި ދިމާވާ ދަތިތަކާގުޅޭ މަޢުލޫމާތު ހިއްސާކޮށްފިއެވެ.

އައްޑޫ ސިޓީކައުންސިލްގެ ފަރާތުން ރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބް ވިދާޅުވީ ކައުންސިލްގެ ވަފްދު ސަރުކާރުގެ ވުޒާރާތަކަށް ކުރެއްވި ޒިޔާރަތުގައި ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ހިންގަވާ މަޝްރޫޢުތަކުގައި ދިމާވާ ދަތިތަކާ ގުޅޭ މަޢުލޫމާތު ހޯއްދަވައި، އެކަންކަމުގައި ސިޓީކައުންސިލުން އަދާކުރެވޭނެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވާކަމަށެވެ. އައްޑޫގެ ޑެޕިއުޓީ މޭޔަރ ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެންނެވި ބަދަލާއެކު ކައުންސިލްގެ މެންޑޭޓްގެ ދަށުގައި ހުރިބައެއް ކަންކަން ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓްގެ ދަށަށް ބަދަލުކުރެވިފައިވާތީ ކައުންސިލްގެ ޒިންމާއަދާކުރެއްވުމުގައި އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމަށެވެ. މިކަންކަމުގެ މަޢުލޫމާތުވެސް ވުޒާރާތަކަށް ޙިއްޞާކުރައްވައިފައިވާކަމަށް ޠައްޔިބު ވިދާޅުވިއެވެ.

އައްޑޫ ސިޓީކައުންސިލްގެ މެންބަރުންގެ ވަފްދުގެ މި ޒިޔާރަތުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ލާމަރުކަޒީ ޤާނޫނާމެދު ސިޓީކައުންސިލްގެ ހުރި ކަންބޮޑުވުންތައް ޙިއްޞާ ކުރެއްވުމުން، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވެ، ލާމަރުކަޒީ ޤާނޫނު ނަގަހައްޓަވާނެކަމަށް ވިދާޅުވެފައިވާތީ އެކަމަށް ސިޓީކައުންސިލްގެ ވަފްދުން ވަނީ މަރުޙަބާ ކިޔާފައެވެ.