ޚަބަރު

ރާއްޖޭގައި ހައްދުފަހަނައަޅައި ދިއުމަށް ޖާގައެއް ނެތް- އޭ.ޕީ.ޕީ.ޖީ


ދިވެހި ސަރުކާރުން ދީނުގެ މެދުމިނުގެ އުޞޫލުތަކަށް ކުރައްވާ ތާއީދަކީ ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް އެޅޭނެ އެންމެ ބާރުގަދަ ފިޔަވަޅުކަމަށް އިނގެރޭސި ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ވަފްދަކުން ބަޔާންކޮށްފިއެވެ. 

މިކަން ބަޔާންކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހު ރާއްޖޭގެ މަސްރަޙް ދިރާސާކުރެއްވުމަށް ރާއްޖެވަޑައިގެންނެވި ބްރިޓިޝް މޯލްޑިވްސް އޯލް ޕާޓޯ ޕާލިމެންޓަރީ ގްރޫޕްގެ ވަފްދުގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުގައި ފާހަގަކުރެއްވުނު ކަންކަމުގެ މައްޗަށް ތައްޔާރުކޮށް ނެރުނު ރިޕޯޓެއްގައެވެ. ދީނުގައި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ދިވެހި ސަރުކާރުން އަޅުއްވައިފައިވާ ފިޔަވަޅުތަކަށް މި ރިޕޯޓްގައި މަރުޙަބާ ކިޔާފައިވެއެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ވަފްދު ރާއްޖެއަށް ކުރި ޒިޔާރާތައްފަހު ނެރުނު ރިޕޯޓްގައި ދީނުގައި ހައްދުފަނަހައަޅައިދިއުމާ ދެކޮޅަށް ދިވެހިސަރުކާރުން އަޅުއްވައިފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް، އެ ފިޔަވަޅުތަކަށް މަރުޙަބާ ކިޔާފައިވެއެވެ. އަދި ދީނުގައި ހައްދުފަހަނައަޅައި ދިނުމާއި، އެހެނިހެންވެސް ކުށްތައް މަދުކޮށް، އެ ކަންކަން ދިވެހި މުޖުތަމަޢުން މުޅިން ފޮހެލުމަށް އޮތް ގޮތަކީ އިޤްތިޞާދީ ގޮތުން ޤައުމު ތަރައްޤީ ކުރުންކަމަށް ސަރުކާރުން ޤަބޫލުކުރައްވާ ޤަބޫލުކުރެއްވުމަށް އެވަފްދުގެ ބޭފުޅުން ވަނީ މަރުޙަބާ ވިދާޅުވެ ތަޢުރީފް ކުރައްވައިފައެވެ.

ރާއްޖޭއިން އެތައް ސަތޭކަ ބަޔަކު ހައްދުފަހަނައަޅައިފައިވާ އައިއެސް ޖަމާޢަތާ ގުޅިފައިވާކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަވަމުމުންދާ ވާހަކަތަކާ ގުޅޭގޮތުން އެރިޕޯޓްގައި ބުނެފައިވަނީ، އެ ޢަދަދާ ގާތްކުރާ ޢަދަދަކަށްވެސް ދިވެހިން އައިއެސް ޖަމާޢަތާ ގުޅިފައި ނުވާނެކަމުގެ ޔަޤީންކަން ސަރުކާރާއި ސަލާމަތީ ބާރުތަކުން އެ ވަފުދުގެ ބޭފުޅުންނަށް ދެއްވާފައިވާކަމަށެވެ. އަދި ހައްދުފަނައަޅާފައިވާ ޖަމާޢަތްތަކާ ގުޅިގެން ހަނގުރާމަކުރަންދާ މަދު އަދަދެއްގެ ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަ މީހުން ހައްޔަރުކުރާކަމަށާއި، މިހާރުވެސް އެފަދަ ބަޔަކު ފުލުހުންގެ ހައްޔަރުގައި ތިބިކަމީ އެފަދަ ހަރުކަށި ކަންކަމަށް ދިވެހިސަރުކާރުން ތާއީދުނުކުރާކަން ދޭހަކޮށްދޭ ކަމެއްކަމަށް އޭ.ޕީ.ޕީ.ޖީގެ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ދީނުގައި ހައްދުފަހަނައަޅައިދިއުމާއި، ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކާ ގުޅިގެން ހަނގުރާމަކުރަން ދިއުމަކީ ޖިނާޢީ ކުށެއްކަމަށް ކަނޑައަޅައި ދިވެހިރާއްޖެއިން ފާސްކޮށްފައިވާ ޤާނޫނުނަކީ ހައްދުފަނަނައަޅައި ދިއުމާދެކޮޅަށް ދިވެހި ސަރުކާރުން އަޅައިފައިވާ ހަރުދަނާ މުހިންމު ފިވަޅެއްކަމަށް އެރިޕޯޓްގައިވެއެވެ.

ހައްދުފަހަނައަޅައި ދިއުމަށް ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަށާއި، ގިނައަދަދަދެއްގެ ދިވެހިން ހައްދުފަނައަޅާފައިވާ ޖަމާޢަތްތަކާ ގުޅެމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދައްކަމުންދާ ވާހަކަތައް ދިވެހި ސަރުކާރުންވެސް ވަނީ ތަކުރާރުކޮށް ދޮގުކުރައްވާފައެވެ. އަދި އޭ.ޕީ.ޕީ.ޖީގެ މިނިވަން މި ރިޕޯޓްގެ ސަބަބުން ސަރުކާރުން ދައްކަވާ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިގެން ގޮސްފައި ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޕީއެސްއެމަށް މި ހަފުތާގައި ދެއްވި އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.

ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމަށް ޖާގަ ނުދެއްވުމާއި އަބަދުވެސް ދީނުގެ މެދުމިން ޚިޔާރުކުރާ ޤައުމެއްގޮތުގައި ރާއްޖެ ދެމިއޮތުކީ ސަރުކާރުގެ ސިޔާސަތުކަން ވަނީ ސަރުކާރުން ހާމަކުރައްވާފައެވެ.  

އަދި ރާއްޖޭގައި އެހެން ދީނަކަށް ފުރުޞަތު ނުދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތާއި، ޤާނޫނުގެ މައިގަނޑު އެއްއަޞާސް ކަމުގައިވެފައި، އެއީ ޒަމާނުންސުރެ ރާއްޖޭގައި އަމަލުކުރެވެމުންދާ ހަމަ ކަމުގައިވުމުން، އެކަން ދެމެހެއްޓެވުމަކީވެސް ސަރުކާތުގެ ސިޔާސަތެކެވެ.  

ދިވެހި ތާރީޚްގައި އެއްވެސް ސަރުކާރަކުން ހައްދުފަހަނައަޅައިފައިވާ ދީނީ ފިކުރުތަކަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެއް ނުވެއެވެ. ދިވެހިރާއްޖެ ޒަމާނުންސުރެ ދެމިއޮތީ އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތަކަށް ތާއީދުކުރާ ޤައުމެއް ގޮތުގައެވެ.