ޚަބަރު

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10000 މެންބަރުން ހަމަކުރުން: ހަސަން ލަތީފް


  • ޑިމޮކްރެޓްސްއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް ވާދަކުރާނެ

  • އަންނަ އަހަރު ނިމޭއިރު މެންބަރުންގެ ނިސްބަތުން އެންމެ ބޮޑެތި ޕާޓީތަކާ އަރާ ހަމަކުރެވޭނެ

ދަ ޑިމޮކްރެޓްސްގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10000 މެންބަރުން ހަމަކުރުން ކަމަށް އެޕާޓީގެ ރައީސް އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. ހަސަން ލަތީފް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސް އިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުނެނެވެ.

ދަ ޑިމޮކްރަޓްސްގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބުން ޕާޓީގެ އެކިއެކި މަޤާމްތަކަށް މީހުން އައްޔަން ކުރެވިފައިވާއިރު، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކަމަށެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ޕާޓީއަށް 10000 މެންބަރުން ހަމަކުރުމަކީ އަމާޒެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ޕާޓީއަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާކަމަށާ، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އޮނިގަނޑު އެކުލަވާލާ އެއާ އެއްގޮތަށް ޕާޓީން ހަރަކާތްތެރިވާން ފެށުމުން ޕާޓީއަށް ވަންނަ މެންބަރުގެ އަދަދު އިތުރު ވެގެންދާނެކަމަށެވެ.

"މިހާރުގެ އެންމެ ބޮޑު އަމާޒު، އެކަން މި އޮތް ކުރު މުއްދަތުގައި ކުރެއްވުމަށް މިހާރުވެސް މެންބަރުން ވަނީ އަމާޒު ހިފާފައި ވަރަށް ބޮޑު އުންމީދެއް އެބައޮތް 10000 މެންބަރުން ހަމަވާނެ ކަމަށް. އަދި އެކަން ހާސިލްކޮށް ޕާޓީ އިތުރަށް ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ހަސަން ލަތީފް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް މޭޔަރަކު އައްޔަން ކުރުމުގެ އިންތިޚާބުގެ މަސައްކަތާއި ރައްޔިތުންގެ މަޖިލީހު އިންތިޚާބަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 93 ދާއިރާއަކަށް ޑިމޮކްރެޓްސްއިން ވާދަކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މީގެ ތެރެއިން 25 - 30 ދާއިރާ ކާމިޔާކުރުމަކީ ޕާޓީގެ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މަސައްކަތް ކުރައްވާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުގެ ތެރެއިން ކަންކަން ނިންމެވުމަށް ކަމަށާއި ހަމައާ އިންސާފުގެ ތެރެއިން ކަންކަން ނިންމުމުގައި ނަމޫނާ ދައްކާ ޕާޓީއެއްގޮތުގައި ޑިމޮކްރެޓްސް ދެމިއޮތުމަށް އަބަދުވެސް ބާރު އަޅުއްވާނެ ކަމަށެވެ.

ދަ ޑިިމޮކްރެޓްސްގެ އެންމެ ބޮޑު އަމާޒަކީ 2024 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ތަކުގެ ތެރޭގައި އެޕާޓީ ހިމެނުމެވެ.