ޚަބަރު

ފެނަކައިގެ ވަޒީފާތަކުން މީހުން ވަކިވަނީ ކޮންޓްރެކްޓް ހަމަވުމުން


  • ފެނަކައިގެ ވަޒީފާއިން ވަކިވަމުން ދަނީ ކޮންޓްރެކްޓް ހަމަވާ މުވައްޒަފުން

  • ކުރީ ސަރުކާރުން ފެނަކައަށް 4000 އެއްހާ މުވައްޒަފުންވަނީ ވައްދާފައި

ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ވަޒީފާތަކަށް ނަގާފައިވާ މީހުން ވަޒީފާއިން ވަކިވަނީ އެމީހުންގެ ކޮންޓްރެކްޓް ހަމަވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގައި އަތޮޅު ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދާކަމަށް ބުނެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވާ ވާހަކަދައްކަވަމުންނެވެ.

މިމައްސަލަ މަޖިލީހަށް ހުށައެޅީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީއެވެ. މައްސަލަ ހުށަހަޅުއްވަމުން މެންބަރު ހުސެއިން މުޙައްމަދު ދީދީ ވިދާޅުވީ ކަރަންޓް ގެތަކާ ފެނާއި ނަރުދަމާ މަސައްކަތް ކުރާ މަރުކަޒުތަކުގައި ތިބި ކޮންޓްރެކްޓް މުވައްޒަފުން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

މިމައްސަލަ ކުރިއަށްގެންދޭތޯ ބެލުމަށް ވޯޓަށް ހުޅުވާލުމުން ޖަލްސާއަށް ހާޒިރުވި 37 މެންބަރުގެ ތެރެއިން 33 މެންބަރުންވަނީ ފެންނަކަމަށް ވޯޓުދީފައެވެ.

މި މައްސަލައަށް ބަހުސްގައި ވާހަކަދައްކަވަމުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ކުރީގެ ސަރުކާރުން ފެނަކައިން ވަޒީފާދީފައި ތިބި މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން ދާކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވާފައެވެ. މި މައްސަލައަށް ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެ ވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިއާޒު ފަހުމީ ވިދާޅުވީ، ކުރީގެ ސަރުކާރުން ވަޒީފާ ބަހަމުން ދިޔައީ ރިޔާސީ އިންތިޚާބާ ދިމާކޮށް ވޯޓް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

"ކޮންޓެކްޓް މުވައްޒަފުންނަކީ ކޮންޓްރެކްޓް އާކޮށްގެން ވަޒީފާގައި ތިއްބެވެން ޖެހޭނެ، އެއީ ރައްޔިތުންނަށް ޙިދުމަތް ދިނުމަށް ލާފައި ތިބި މުވައްޒަފުން އެމީހުން ވަކި ކުރުމަކީ ވަރަށް ކަންބޮޑުވާކަމެއް" މި މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީ މެންބަރުން ވިދާޅުވިއެވެ.

ފެނަކައިގެ ވަޒީފާއިން ވަކިވެގެންދަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް 3 މަސްދުވަހުގެ ކޮންޓްރެކްޓަށް ވަޒީފާ ވެއްދި މުވައްޒަފުންނެވެ. އެއީ އެމީހުންގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. ވަޒީފާއާ ބެހޭ ޤަވާއިދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މީހުންނަށް ވަޒީފާ ދީފައިވާކަން އިންތިގާލީ ރިޕޯޓްތަކުންވެސްވަނީ ހާމަވެފައެވެ.

މިމައްސަލައަށް މަޖިލީހުގައި ބަހުސްކުރިއިރު، ފެނަކައިގައި މަސައްކަތުގައި އުޅޭ 3900 އެއްހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށް ޕީޖީ އޮފީހަށްވެސް ވަނީ ހުށައަޅާފައެވެ.

ފެނަކަ ކޯޕަރޭޝަންގައި ނިމިދިޔަ ސަރުކާރު ނިމުނު އިރު ހަތަރު ބިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ. އެދަރަނި ބޮޑުވާން ދިމާވި އެއް ސަބަބަކީވެސް ސިޔާސީ މަންފާ ހޯދުމަށް ވަޒީފާދީފައިވުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.