ޚަބަރު

ތޫފާން މައިޗަންގުގެ ސަބަބުން އިންޑިޔާއިން ދެ މީހުން މަރުވެއްޖެ


ބާރުގަދަ ތޫފާނެއް ކަމުގައިވާ މައިޗަންގުގެ ސަބަބުން އިންޑިޔާގެ ދެކުުނުގެ ސަރަޙައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން ދެ މީހުން މަރުވެއްޖެއެވެ. އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ތޫފާން މައިޗަންގް އެ ޤައުމުގެ ދެކުނުގައިވާ ދެ ސްޓޭޓަކާ ދިމާލަށް ދަތުރު ކުރަމުންދާ ކަމުގައެވެ. އަދި، އެންމެ ފުރަތަމަ ތޫފާން އަރާނެ ކަމަށް ބެލެވެނީ އަންދްރަ ޕްރަދޭޝް ސްޓޭޓްގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ކަމުގައެވެ.

އެ ސްޓޭޓްގެ ސަރަޙައްދުތަކަށް ޑިސެންބަރު 4 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތޫފާން އަރާނެ ކަމަށް ބެލެވޭއިރު، މި ތޫފާނާ ގުޅިގެން މިހާރު ވެސް އިންޑިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާނާ އެކު މިހާރު ވެސް ގަޑިއަކު 100 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހެމުންދާ ކަމުގައެވެ. މި ކަމާ ގުޅިގެން އަންދްރަ ޕްރަދޭޝްގެ އިތުރުން ޓެމިލް ނާޑޫ ސްޓޭޓްގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި މިހާރު ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

އެ ދެ ސްޓޭޓްގެ އޮފިޝަލުން ވިދާޅުވީ، އައްސޭރިފަށުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަަލު ކުރަން ފަށާފައިވާ ކަމުގައެވެ. އަދި، ކަނޑުމައްޗަށް ނޭރުމަށް މަސްވެރިންނަށް ނަސޭހަތްތެރިވެފައި ވާނެ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. މި ތޫފާނާ ގުޅިގެން ދެ މީހަކު މަރުވެފައި ވަނީ ޓެމިލް ނާޑޫ ސްޓޭޓްގެ ޗޭންގަލްޕައްޓޫ ޑިސްޓްރިކްޓުންނެވެ. އެ ދެ މީހުން މަރުވެފައި ވަނީ ވެއްޓުނު ފާރެއްގެ ދަށުވެގެންނެވެ.

ޓެމިލް ނާޑޫ ސްޓޭޓަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން އެ ސްޓޭޓްގެ ވެރިރަށް ޗެންނާއީގެ މަގުތަކުގައި މިހާރު ވެސް ވަނީ ފެންބޮޑުވެފައެވެ. މި ކަމާ ގުޅިގެން އެ ސްޓޭޓްގައި ތަޢުލީމު ފޯރުކޮށްދޭ ސްކޫލްތަކާއި ޔުނިވަރިސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދު ކޮށްފައެވެ.

ބޯ ވާރެޔާއި ބާރު ވަޔާ ގުޅިގެން ޗެންނާއީ ވައިގެ ބަނދަރުގެ ވައިގެ އުދުހުންތައް ވެސް ވަނީ މެދުކަނޑައިލާފައެވެ. މީގެ އިތުރުން، ޓެމިލް ނާޑޫއާއި އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ގިނަ ރޭލު ދަތުރުތައް ވެސް ކެންސަލް ކޮށްފައިވާ ކަމުގައި އެ ދެ ސްޓޭޓްގެ އޮފިޝަލުން ވިދާޅުވެއެވެ. ތޫފާން މައިޗަންގާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އަންދްރަ ޕްރަދޭޝްގެ ސަރަޙައްދުތަކަށް 200 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ.

އެ ސްޓޭޓްގެ އައްސޭރިފަށުގައި ދިރިއުޅޭ 7,000 އަށްވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އަދި، އިތުރު 28,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.