ވިޔަފާރި

ސަޢޫދީ އުފެއްދުންތަކަށް ޚާއްސަ ޝޯ ރޫމެއް ރާއްޖޭގައި ހަދަނީ


ސަޢޫދީ އަރަބިއްޔާގެ އުފެއްދުންތަކަށް ޚާއްޞަކޮށް، ރާއްޖޭގައި ޝޯ ރޫމެއް ހެދުމަށް ސަޢުދީގެ ވިޔަފާރިވެރިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަޢުދީ އެކްސްޕޯޓަރސް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން އިންތިޒާމްކޮށްގެން ވަނީ، ސަޢޫދީ ޢަރަބިއްޔާގެ އެކްސްޕޯޓް ވިޔަފާރިވެރިންނާއި، ދިވެހި ވިޔަފާރިވެރިންނާއެކު ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާގުޅޭ ބައްދަލުވުމެއް ބާއްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ އެކްސްޕޯރޓް ވިޔަފާރިވެރިންނާއި، ދިވެހި ވިޔަފާރިވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކޮށް، ޚާއްޞަކޮށް ރާއްޖެއަށް މުދާ އެކްސްޕޯޓްކުރުމަށް ޝައުޤުވެރިވާ ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި ފުރުޞަތުތައް ހޯދައިދިނުމަށް އެހީވުމަށް ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ކުންފުނިތަކުގެ އޮފިޝަލުންނާ ބައްދަލުކޮށް، އެކުންފުނިތަކުގެ އުފެއްދުންތަކާއި، އިންވެސްޓް ކުރުމާގުޅޭ މަޢުލޫމާތު ހޯދާފައިވެއެވެ.

މި ޙަރަކާތް އިންތިޒާމްކުރި ސަޢޫދީގެ އެކްސްޕޯޓަރސް އޮތޯރިޓީގެ ފަރާތުން ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން މުޙައްމަދު ދިރިޔާ ވިދާޅުވީ، މި ބައްދަލުވުމަށްފަހު، ސަޢުދީގެ އުފެއްދުންތައް ރާއްޖެއިން ލިބެން ހުންނާނެ މަގު ތަނަވަސްކޮށްދިނުމަށް ބައެއް ކުންފުނިތަކުން ނިންމާފައިވާކަމަށެވެ. އެގޮތުން ސަޢޫދީގައި އުފައްދާ ހުރިހާ އުފެއްދުންތަކެއް އެއް ތަނަކުން ލިބޭނެ ގޮތް ހަދައިދިނުމަށް މިއަހަރުގެ ތެރޭގައި ޝޯ ރޫމެއް ހުޅުވުމަށް ގިނަ ކުންފުނިތަކުން ޝައުގުވެރިވާ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދަކީ ވަރަށް އަވަހަށް ކުރިއަރަމުން އަންނަ އިޤްތިޞާދަކަށްވުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސިނާޢަތަކަށް ވުމުން، ސަޢޫދީގެ އުފެއްދުންތަކަށް މިކަމަކީ ފައިދާކުރާނެ ކަމެއް ކަމަށް ދިރިޔާ ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ އެކްސްޕޯޓް ވިޔަފާރިވެރިންނާއި، ދިވެހި ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލްވުމާ ގުޅޭގޮތުން، އިކްނޮމިކް މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށެވެ. ސަޢޫދީއާ އެއަރލައިންގެ ވައިގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވުމާއެކު، އެޤައުމުގެ އުފެއްދުންތައް ރާއްޖެއަށް އިމްޕޯޓްކުރުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ސަޢޫދީ އަރައްބިއްޔާއަކީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް އިޤްތިޞާދެވެ. ތެލުގެ ވިޔަފާރިއަށް ބަރޯސާވުމުގެ ބަދަލުގައި، ތަފާތު އެހެނިހެން އުފެއްދުންތައް ދުނިޔޭގެ މާރކެޓްތަކަށް ނެރުމަށް ސަޢޫދީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއެވެ.