ހުކުރު ނަމާދު ކުރިއަށްދާވަގުތު އެހެން ބަހުރުވައިގެ ތަރުޖަމާއާއި އިޝާރާތް ބަހުރުވައިން ޚުތުބާ ފެންނާނެގޮތަށް، އިސްލާމީ މަރުކަޒުގައި ޑިޖިޓަލް ވަސީލަތައް ބެހެއްޓުމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދިރާގާއި ދެމެދު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުން ކުރިއަށްގެންދެވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި، ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދުއާއިއެކުގައެވެ.
މިބައްދަކުރެއްވުމަށްފަހު އެކްސްގައި، ވަޒީރު ޑރ.ޝަހީމް ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގެ އެކި ވިންގުތަކުގައި ޓީވީ ސްކްރީން ބަހައްޓައި ޚުޠުބާ ކިޔާއިރު ހުރިހާ ފަންގިފިލާތަކަށް ޚުޠުބާ ކިޔާ މީހާ ސްކްރީނުން ފެންނަ ގޮތް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ވުޒާރާއިން ނިންމަވާފައިވާގޮތަށް، އިނގިރޭސިބަހާއި އަދި ރާއްޖޭގައި އާއްމުކޮށް ބިދޭސީން ވާހަކަދައްކާ ބަހުރުވައިން، ޚުތުބާގެ ތަރުޖަމާ ފެންނާނެގޮތަށް ހެދުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
ވަޒީރު ޝަހީމް އެކްސްގައި ވިދާޅުވީ އަޑުއިވުމުން މަހުރޫމުވެފައިވާ މީހުންނަށް ޚުތުބާ ފޯރުކޮށްދިނުމަށް، އިޝާރާތް ބަހުރުވައިންވެސް ޚުޠުބާ ފެންނަ ގޮތް ހައްދަވާނެކަމަށެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހުށައެޅުއްވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން އުޅޭތީ މާލޭގެ ކޮންމެވެސް 1 މިސްކިތެއްގައި އިނގިރޭސި ބަހުން ޚުޠުބާ ކިޔުމުގެ ޚިޔާލަކަށެވެ.
ނަމަވެސް ވުޒާރާގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، މިސްކިތްތަކުގައި ދިވެހިން ޚުތުބާ ކިޔާ، ޓީވީން ޚުތުބާގެ ތަރުޖަމާ ފެންނާނެގޮތަށް ސަބްޓައިޓަލް އަރުވައި ގެނެސްދިނުމަށެވެ.
މި ހުރިހާ ކަމަކީވެސް އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރެވިގެންދާނެ ނިންމުންތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތަކީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އިޖްތިމާޢީ މިންގަނޑުތަކާއި އަޚްލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރެއްވުމަށް ނިންމަވާފައިވާ މަސައްކަތެކެވެ.