ޚަބަރު

ތިނަދޫ ސިޓީގެ ޙައްލަކީ ޤާނޫނު ބަދަލުކޮށް އިންތިޚާބެއް ބޭއްވުން: އެލްޖީއޭ


  • ޤާނޫނު މަނާކުރުމުގެ މައްސަލަކަމަށް ބައެއް މެންބަރުން ދެކެވަޑައިގަންނަވާ

  • އެލްޖީއޭއަށް ފެންނަ ޙައްލަކީ ޤާނޫނު ބަދަލުކޮށް އަވަސް އިންތިޚާބެއް ބޭއްވުން

  • ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ޤާނޫނު ބުނާ ކަންކަން ފުރިހަމަނުކޮށް

  • އައު ސަރުކާރުންވެސް ތިނަދޫ ސިޓީގެ ދަރަޖައަށް ބަދަލެއް ނުގެންނާނެ

  • ނަމަވެސް ހަގީގީ ސިޓީއަކަށް ހަދާނެކަމަށް އައު ސަރުކާރުން ބުނޭ

ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމުގައި އޮތް ޙައްލަކީ ޤާނޫނު ބަދަލުކޮށްގެން އަވަސް އިންތިޚާބެއް ބާއްވައި، މޭޔަރާއި ކައުންސިލަރުން އިންތިޚާބުކުރުންކަމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ކުރީ ސަރުކާރުން ދިނީ، ސިޓީއަކަށް ހެދުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް، ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައިވަނިކޮށެވެ.

ކުރީ ސަރުކާރުގައި ތިނަދުއަށް ސިޓީގެ ދަރަޖަ ދިން ގޮތާއި ގުޅޭގޮތުން ޤާނޫނީ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އެކަން އެގޮތުގައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމާއި ގުޅޭގޮތުން ހުރި ޤާނޫނީ ސުވާލުތަކައި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަމްޢޫން އާދަމް ވިދާޅުވީ، ކައުންސިލް އިންތިޚާބު ބޭއްވުމަށް ދެ އަހަރެއްހާ ދުވަސް އޮތުމުން، މިކަމުގައި ޤާނޫނީގޮތުން ގެނެވޭނެ ޙައްލުތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އެކަމުގައި އޮތް ޙައްލަކީ ޤާނޫނު ބަދަލުކޮށް ވީއެންމެ އަވަހަކަށް އިންތިޚާބު ބޭއްވުންކަމަށް އެލްޖީއޭއަށް ފެންނަކަމަށް ޝަމްޢޫން ވިދާޅުވިއެވެ.

"މީގެކުރީގެ ހުރިހާ އިދާރާއެއްވެސް އުފައްދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައި ހުރީ ސިޓީއަކުން ސިޓީ ކައުންސިލެއް އިންތިޚާބުވުމާއެކީގައި. ޤާނޫނުން އަޅގަނޑުމެނަށް ލިބިދޭ ފަރުވާއަކީ، ވަރަށް ދިގު މުއްދަތެއް މިއޮތީ. ޚިދުމަތްތައްވެސް އެބޭފުޅުން ދެއްވަންޖެހޭ. އެހެންވީމަ ޤާނޫނު ބަދަލުކޮށް އިންތިޚާބަކަށް އައުންކަންނޭނގެ އަޅުގަނޑުމެން އެލްޖީއޭއަށް މިމާނަކުރެވެނީ." ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަމްޢޫން އާދަމް ވިދާޅުވިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ތިނަދޫ، ސިޓީއެއްގެ ގޮތުގައި ހަމަޖެއްސެވިނަމަވެސް، ޤާނޫނީ ގޮތުން ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ކޮމިޓީގައި ވާހަކަ ދެއްކެވި އެލްޖީއޭގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

އެއީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރަނީ، އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅަނީ، އެ ރަށް ހިންގުމަށް އިންތިޚާބުކުރެވިފައިވާ ރަށު ކައުންސިލް އިންތިޚާބުވުމަށްފަހުގައި ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން ކަމުގައިވާނަމަ، މި މާއްދާގައިވާ ގޮތުގެމަތިން އެ ރަށަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، އެރަށް ސިޓީއަކަށް ބަދަލުވި ކަމުގައިވީނަމަވެސް، އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުންކަމަށް ބަޔާންކޮށްފައިވާ މާއްދާއާއި ގުޅިގެންނެވެ.

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ސިޓީ ކައުންސިލެއްގެ ގޮތުގައި ޚިދުމަތް ދިނުމަށް ކޮންމެހެން ބަޖެޓް ހަމަޖައްސަންޖެހޭތީ، ތިނަދޫ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއެކު ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ބަޖެޓު ހޯދުމަށް ބްލޮކް ގްރާންޓް ފޮމިއުލާގެ ތެރެއިން ސިޓީ ކައުންސިލަށް ބަޖެޓް ހަމަޖައްސައިދީފައިވާނެކަމަށެވެ.

މިމައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ކުރީގެ ސަރުކާރުން ތިނަދޫއަށް ސީޓީގެ ދަރަޖަ ދީފައިވަނީ ބަލަންޖެހޭ ކަންކަން ނުބައްލަވާ އަވަސްއަރުވާލައިގެންކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމަށް އިޙްތިރާމްކުރައްވާ ތިނަދޫއަށް ދެއްވާފައިވާ ސިޓީގެ ދަރަޖަ ދެމެހެއްޓުންކަމަށެވެ. އެހެންކަމުން މިކަމުގައި ސަރުކާރަށް ލަފާއެއް އަރުވާ އަވަސް ޙައްލެއް ހޯއްދެވުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް ދަންނަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދެއަހަރު ބައިގެ މުއްދަތެއް އޮތްއިރު ސިޓީ އަކުން ދޭންޖެހޭ ޚިދުމަތެއް ދިނުމަށް ރަށު ކައުންސިލަކުން ޒިންމާ އުފުލަންޖެހުމަކީ އިންސާފެއް ކަމަށް އަޅުގަނޑު ނުދެކެން. އެހެންކަމުން އަވަސް ޙައްލެއްމިކަމަށް އެބަ ހޯދަންޖެހޭ. މިކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ، އަޅުގަނޑުމެންވާނީ ސިޓީގެ ދަރަޖައިގައި ޚިދުމަތްދެއްވުމަށް 2024 ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައިވެސް މަގުފަހިވާނެހެން މަސައްކަތްކޮށްފައި." ވަޒީރު ވިދާޅުވިއެވެ.

މިމައްސަލައިގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބ.ތުޅާދޫ ދަޢިރާގެ މެމްބަރު ޙިސާން ހުސެއިން ވިދާޅުވީ ޤާނޫނުގައި އެއްވެސް މައްސަލައެއް އޮއްތކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި ޤާނޫނު މާނަކުރުމުގައިވެސް އެއްވެސް މައްސަލައެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ. ޙިސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރަށެއް ސިޓީއެއްގެ ދަރަޖައަކަށް ކަނޑައެޅުމާއެކު ސިޓީގެ ދަރަޖަ ދެވުނީކަމަށާއި، އެހާހިސާބުން ފެށިގެން އެ ރަށު ކައުންސިލްއެއްގައި ހުންނަވާނީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ކަމަށާއި، ތިއްބަވާނީ ސިޓީ ކައުންސިލްގެ މެމްބަރުންކަމަށް ހިސާން ވިދާޅުވިއެވެ.

ކޮމިޓީ ނިންމަވާލައްވަމުން މިމައްސަލައިގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ކޮމިޓީގެ މުޤައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ގދ.ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވަނީ 30 އޯގަސްޓް 2023 ހުގައެވެ.