ސްލޮވީނިއާގައި ބޭއްވި ލިނިން މެޑްވޯޑް ކަޕުގެ 13 އަހަރުން ދަށުގެ ސިންގަލްސް ބައިން ރާއްޖޭގެ އުއްމީދީ ތަރި ލައިބާ އަޙްމަދު މަޚްލޫފް ލޯ މެޑަލް ހޯދައިފިއެވެ.
ބެޑްމިންޓަން ޔޫރަޕާއި ސްލޮވީނިއާގެ ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ލޯ މެޑަލް ލައިބާއަށް ލިބުނީ ސެމީ ފައިނަލުގައި އޮސްޓްރިއާގެ 11 އަހަރުން ދަށުގެ އެއްވަނަ ޒާން ޕިއާ އަތުން ބަލިވުމުންނެވެ. މި މެޗު ޕިއާ ކާމިޔާބުކުރީ 8-21 އަދި 10-21 އިންނެވެ.
މީގެއިތުރުން ލައިބާ ވަނީ 13 އަހަރުން ދަށުގެ ޑަބަލްސްގެ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. ޑަބަލްސްގައި ލައިބާގެ ޕެއާ އަކީ ސްލޮވޭނިއާގެ މުސްތަފިކް އިލްހާނާ އެވެ. ކުއާޓާގައި މި ޕެއާ ވާދަކުރީ ކްރޮއޭޝިއާގެ ކޮވިޗް ޖެލެނާ އަދި ސްލޮވޭނިއާގެ މިލިވޮޖެވިޗް ޓެއޮޑޮރާގެ ޕެއާއާ އެވެ. އަދި ލައިބާ ވަނީ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގައި ވާދަކޮށްފައެވެ.
ރާއްޖޭގެ ޖޫނިއާ ޗެމްޕިއަނުންގެ ތެރޭގައި ހިމެނޭ ލައިބާ ވަނީ ބެޑްމިންޓަންގައި ބައިނަލްއަޤްވާމީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިއީ ޤައުމީ ޕޫލްގައިވެސް ހިމެނޭ ލައިބާ، މިއަހަރު ހޯދި ހަވަނަ ބައިނަލްއަގުވާމީ މެޑަލް އެވެ.
މި މުބާރާތުގެ ކާމިޔާބީއާއެކު ލައިބާ މިހާރު ތައްޔާރުވަނީ މިމަހު 8-10 އަށް އެސްޓޯނިއާގައި ބާއްވާ ޔޮނެކްސް އެސްޓޯނިއަން ޔޫތު އިންޓަނޭޝަނަލް މުބާރާތަށެވެ.