ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ޙައްޤު ދަރަޖައާއި މަޤާމު ހޯދައިދޭނަން: ވަޒީރު ޝަހީމް


  • 36ވަނަ ޤައުމީ ޤުރުއާން މުބާރާތް އޮންނާނީ އަންނަ ފެބުރުއަރީމަހު

  • ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގައި ކުރިއަށްގެންދާ އިސްލާމީ އެންމެ ބޮޑު އެއް ހަރަކާތް ކަމަށް

  • މިމަސައްކަތް ހިންގުމަށް ޚާއްސަ ކޮމިޓީއެއްވަނީ އުފައްދަވާފައި

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބާއްވާ އިސްލާމީ އެންމެ ބޮޑު ޤައުމީ އެއް ޙަރަކާތައްވުމާއެކު، އެމުބާރާތުގެ ޙައްޤު ދަރަޖައާއި މަޤާމު މުބާރާތަށް ހޯއްދަވައިދެއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ ޤުރުއާން މުބާރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރެއްވުމަށް، ކުރަންޖެހޭ މަސައްކަތްކުރެއްވުމަށް ޚާއްޞަ ކޮމިޓީއެއް ހަމަޖައްސަވާފައިވާ ކަމަށެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ މުބާރާތް، އަންނަ ފެބްރުއަރީމަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށްދާނީ ފެބުރުއަރީ 23އިން ފެށިގެން، މަރޗް މަހުގެ 2ވަނަ ދުވަހާއި ހަމައަށެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަތޮޅުތަކުގެ ސްކޫލްތަކާއި މުވައްސަސާތަކަށް ހަމަހަމަކަމާއެކު ލިބިގެންދެއެވެ. މިއަހަރުގެ މުބާރާތުގައިވެސް ޙާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައި ހިމެނެއެވެ.

ކީރިތި ޤުރުއާން ކިޔެވުމަށް ދަސްކޮށްދިނުމުގެ އިތުރުން، ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކޮށް، އުނގެނުމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް އެންމެ އިސްކަން ދެއްވާ އެއް ދާއިރާއެވެ.

އެގޮތުން ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރެއްވުމަށް، އެކިކަހަލަ ޕްރޮގްރާތައް ހިންގެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ. އަދި ތައުލީމު ފުޅާކުރެއްވުމަށް އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް އަތޮޅުތަކުގައި ފުޅާކުރެއްވުމުގެ ޕްރޮޖެކްޓްތަކެއްވެސް ވަނީ ފައްޓަވާފައެވެ.