ވިޔަފާރި

"ރެޑްވޭވް" ގެ ސުޕަރމާކެޓެއް ހުޅުމާލޭގައި ހުޅުވައިފި


މާލޭގައި ފުޅާދާއިރާއެއްގައި ސުޕަރމާކެޓްގެ ވިޔަފާރި ކުރަމުން އަންނަ ރެޑުވޭވް ކުންފުނީގެ ފަރާތުން ހުޅުމާލޭގައި އާ ސުޕަރމާކެޓެއް ހުޅުވައިފިއެވެ.

އެކަމަށްޓަކައި ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރެޑްވޭވްގެ ހުޅުމާލޭ ސުޕަރމާކެޓް ރަސްމީކޮށް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ޢާންމު މުދަލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ރެޑްވޭވް ކުންފުނިން ހުޅުމާލޭގައި އަލަށް ހުޅުވި މި ސުޕަރމާކެޓަކީ ހުޅުމާލޭގައި މިހާތަނަށް ހުޅުވިގެންދިޔަ އެންމެ ބޮޑު ސުޕަރމާކެޓެވެ. މި ސުޕަރމާކެޓަކީ ގާތްގަނޑަކަށް 10،000 އަކަފޫޓްގެ ފްލޯ އޭރިޔާއެއްގައި 2 ފަންގިފިލާއަކަށް އިމާރާތްކޮށްފައިވާ ތަނެކެވެ.

އެގޮތުން މިތަނުގެ ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ކެއުންބުއިމަށް ބޭނުންކުރާ ސާމާނާއި، ރީތިވުމަށް ބޭނުންކުރާ އެކިކަހަލަ މުދަލަށެވެ. ދެވަނަ ފަންގިފިލާ ގޭތެރޭ ހިފާގެންގުޅޭ ސާމާނާއި، ބައެއް އިލެކްޓްރޯނިކް ސާމާނަށް ޚާއްސަކޮށްފައިވާއިރު، ދެވަނަ ފަންގިފިލާގައި ކެފޭ އޭރިޔާއެއްވެސް ވަނީ ހިމަނާފައެވެ.

img:http://s3.psmnews.mv/images/660x400/14594870371762.jpg|އިކޮނޮމިކް މިނިސްޓަރ، ހުޅުމާލޭގެ ރެޑްވޭވް ފިހާރަ ހުޅުއްވައި ދެއްވަނީ- ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭގައި އަލަށް ހުޅުވިގެންދިޔަ މި ސުޕަރމާކެޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއަރުވާ އިޤްތިޞާދު ހެޔޮމަގަކަށް އެޅުވުމަށް އަމިއްލަ ވިޔަފާރިވެރިން އިސްނަންގަވާ އިސްނެންގެވުން ސަރުކާރުން އުފަލާއި އެކު ބަލައިގަންނަކަމަށާއި، އެކަމަށް ސަރުކާރުން އަބަދުވެސް މަރުޚަބާ ކިޔާނެކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރެޑްވޭވް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް ވިދާޅުވީ، ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރައްޔިތުން ބޭނުންވާ ހުރިހާ މުދަލެއް އެއްތަނަކުން ލިބެން ނެތްކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން ކުރަމުންދާކަމަށެވެ. އަދި އެކުންފުނިން ހުޅުމާލޭގައި މިފަދަ ސުޕަރމާކެޓެއް ހުޅުވުމުގެ އެންމެ ބޮޑު މަޤުޞަދަކީވެސް ރައްޔިތުންނަށް ފަސޭހަކަމާއެކު ވީހާވެސް ގިނަ ވައްތަރުގެ މުދާ އެއްތަނަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. މާލޭގައި ހުންނަ ރެޑްވޭވްގެ އެހެން ފިހާރަތަކުންވެސް މުދާލިބޭ އަގުގައި މިތަނުންވެސް އާއްމުންނަށް މުދާ ގަންނަން ލިބޭނެކަމަށް ސަލީމް ވިދާޅުވިއެވެ.

ރޭޑްވޭވްގެ އާ ސުޕަރމާކެޓުން އާއްމުންނަށް ޚިދުމަތް ދެމުންދިޔަ ކަމުގައިވިޔަސް، ކެފޭގެ ޚިދުމަތް މިވަގުތު އަދި ނުލިބޭނެކަމަށާއި، ކެފޭގެ ޚިދުމަތް ވިހާވެސް އަވަހަކަށް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަން ރެޑްވޭވް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު ޢިބްރާހިމް ސުޖާޢު ފާހަގަކުރެއްވިއެވެ. މި ކެފޭ ހިންގުމަށް ހަމަޖެހިފައިވަނީވެސް ރެޑްވޭވްގެ ފަރާތުންނެވެ.

img:http://s3.psmnews.mv/images/660x400/14594869389571.jpg|ހުޅުމާލޭގައި ހުޅުވި ރެޑްވޭވްގެ ފިހާރަ- ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭގައި ރެޑްވޭވްގެ ސުޕަރމާކެޓް ހުޅުވުމާއެކު، އެރަށުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ އާއްމުން ވަނީ އެތަނަށް ޒިޔާރަތްކޮށްފައެވެ. އޭގެތެރެއިން އަޅުގަނޑުމެން ވާހަކަދައްކާލި ބައެއް ފަރާތްތަކުން ވަނީ ހުޅުމާލޭގައި މިފަދަ ސުޕަރމާކެޓެއް ހުޅުވިގެންދިޔުމުގެ ސަބަބުން އެކަމާއި އުފާކުރާކަމަށާއި، މިއީ އެފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރެޑްވޭވްގެ ފަރާތުން ހުޅުމާލޭގައި އާ ފިހާރައެއް ހުޅުވާފައިވާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން މިހާރުވެސް ދަނީ ހުޅުމާލޭގައި "ސެންޓްރޯ ޝޮޕިންގ" ނަމުގައި ޒަމާނީ ފެންވަރެއްގެ ޝޮޕިންގ މޯލްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.