ޚަބަރު

އުތުރު ކޮރެޔާގެ ޖާސޫސީ ސެޓެލައިޓް ބޭނުން ކުރަން ފަށައިފި


އުތުރު ކޮރެޔާއިން ދާދިފަހުން ޖައްވަށް ފޮނުވި ޖާސޫސީ ސެޓެލައިޓްގެ ބޭނުން ކުރަން ފަށާފައިވާ ކަން އެ ޤައުމުން ހާމަކޮށްފިއެވެ. އުތުރު ކޮރެޔާގެ ޖާސޫސީ ސެޓެލައިޓް ޖައްވަށް ފޮނުވައިލާފައި ވަނީ، އެ ކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ސެޓެލައިޓްގެ މައްސަލައިގައި އެމެރިކާއިން ވަނީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ.

އުތުރު ކޮރެޔާގެ ޖާސޫސީ ސެޓެލައިޓް ބޭނުން ކުރަން ފަށާފައިވާ ކަން ހާމަކޮށްފައި ވަނީ އެ ޤައުމުގެ ދަޢުލަތު މީޑިޔާ ކޭ.ސީ.އެން.އޭންނެވެ. އެ މީޑިޔާއިން ބުނީ، ޖާސޫސީ ސެޓެލައިޓް ބޭނުން ކޮށްގެން އެއްކުރާ މަޢުލޫމާތު އެ ޤައުމުގެ ޖައްވީ އިދާރާ ކަމުގައިވާ ނޭޝަނަލް އޭރޯސްޕޭސް ޓެކްނޮލޮޖީ އެޑްމިނިސްޓްރޭޝަން (އެން.އޭ.ޓީ.އޭ)ގެ ޗޮންޔަންގް ޖެނެރަލް ކޮންޓްރޯލް ސެންޓަރާ ހިއްސާ ކުރަން ފަށާފައިވާ ކަމުގައެވެ. އަދި، އެ ޤައުމުގެ އަސްކަރިއްޔާއަށް އެ މަޢުލޫމާތު ފޯރުކޮށްދޭން ފަށާފައިވާ ކަމުގައެވެ.

ދެ ފަހަރެއްގެ މަތިން ކުރި މަސައްކަތް ފޭލުވުމަށް ފަހު އުތުރު ކޮރެޔާއިން ކާމިޔާބު ކަމާ އެކު ޖައްވަށް ޖާސޫސީ ސެޓެލައިޓް ފޮނުވާފައި ވަނީ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެއަށްފަހު، އެ ސެޓެލައިޓް މެދުވެރިކޮށް އެމެރިކާގެ ވައިޓް ހައުސްއާއި ޕެންޓެގަންގެ އިތުރުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ދެކުނު ކޮރެޔާގެ އަމާޒުތަކުގެ ފޮޓޯ ނަގާފައިވާ ކަމުގައި ކޭ.ސީ.އެން.އޭން ބުނެއެވެ. ނަމަވެސް، މި ފޮޓޯތައް ހާމަކޮށްފައެއް ނުވެއެވެ.

ޖާސޫސީ ސެޓެލައިޓްގެ މައްސަލައިގައި ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންތަކެއް އަރާފައިވާއިރު، އެމެރިކާއާ ގުޅިގެން އޮސްޓްރޭލިޔާއާއި، ޖަޕާނާއި، ދެކުނު ކޮރެޔާއިން ވެސް ވަނީ ޗޮންޔަންގާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. ޖާސޫސީ ސެޓެލައިޓް ބޭނުން ކޮށްގެން ނަގާފައިވާ އެއްވެސް ފޮޓޯއެއް އުތުރު ކޮރެޔާއިން ހާމަކޮށްފައި ނުވާތީ، އެމެރިކާއަށް ވާގިވެރިވާ ޤައުމުތަކާއި ބައިނަލްއަޤުވާމީ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ސެޓެލައިޓުގެ ޤާބިލުކަމާ މެދު ސުވާލު އުފައްދަމުންނެވެ.