ޚަބަރު

ފިލިޕީންސްގައި ބޮމެއް ގޮއްވައިލާ ހަތަރު މީހުން މަރައިލައިފި


ފިލިޕީންސްގެ ދެކުނުގައި އޮންނަ މަރާވީގެ ޔުނިވަރސިޓީއެއްގެ ތެރޭގައި ބޮމެއް ގޮއްވައިލާ ހަތަރު މީހުން މަރައިލައިފިއެވެ. މަރާވީގައި ހުންނަ މިންދަނާއޯ ސްޓޭޓް ޔުނިވަރސިޓީގެ ޖިމްނޭޒިޔަމްގައި ބޮން ގޮއްވައިލާފައި ވަނީ، ނަޞާރާދީނުގެ އަޅުކަމެއް ކުރިއަށްދިޔަ ވަގުތުގައެވެ. މި ހަމަލާގައި 50 މީހުން ޒަޚަމުވިއެވެ. މި ހާދިސާ ހިނގާފައިވާ މަރާވީއަކީ ވެރިރަށް މައިނީލާ ކައިރީގައި އޮންނަ ރަށެކެވެ.

މި ހަމަލައާ ގުޅިގެން މައިނީލާއާއި އެ ރަށް ވަށައިގެންވާ ސަރަޙައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، ފިލިޕީންސްގެ ރައީސް ފަރްދިނަންދް މަރްކޯސް ވަނީ މިއީ "ބޭރުގެ ޓެރެރިސްޓުން"ތަކެއް ފަހަތުގައި ތިބެގެން ދީފައިވާ ހަމަލައެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި، އޭނާ ވަނީ މި ހަމަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ފިލިޕީންސްގެ ދިފާޢީ ވަޒީރު ގަލްބަރޓޯ ތިއޮދޯރޯ ވަނީ މި ހަމަލާގައި ޒިންމާވާ މީހުން ހޯދައި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގައި ވިދާޅުވެފައެވެ. އޭނާ ވެސް މި ހަމަލާގެ ފަހަތުގައި ބޭރު ޤައުމަކަށް ނިސްބަތްވާ ޓެރެރިސްޓު ޖަމާޢަތެއް ވާ ކަމަށް ބެލެވޭ ކަމުގައި ވިދާޅުވެފައެވެ. ބޮން ގޮއްވައިލާފައިވާ ސަރަޙައްދުން 16 މިލިމީޓަރުގެ މޯޓަރު ބޮމެއް ފެނިފައިވާ ކަމުގައި ފުލުހުން އިސް އޮފިޝަލެއް ކަމުގައިވާ އެނައުއެލް ޕެރާލްތާ ވިދާޅުވިއެވެ.

މަރާވީއަކީ ލަނޮވް ދެލް ސޫރް ޕުރޮވިންސުގެ ވެރިރަށެވެ. އެ ރަށުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާ ދެކޮޅަށް ފިލިޕީންސްގެ އަސްކަރިއްޔާއިން މިހާރު ވެސް ދަނީ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ ދައުލަ އިސްލާމިއްޔާ-މައުތް ޖަމާޢަތުގެ އިސްވެރިއެއް ދާދިފަހުން މަރައިލާފައިވާ ކަމުގައި ފިލިޕީންސްގެ އަސްކަރިއްޔާއިން ބުނެއެވެ.

މަރާވީ މި ވަގުތު އޮތީ އެ ޖަމާޢަތުގެ އަތްދަށުގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ ޖަމާޢަތުން މަރާވީ ހިފާފައި ވަނީ 2017 ވަނަ އަހަރުގެ މޭ މަހުއެވެ. އަދި، އެ ރަށުގައި އިސްލާމީ ދަޢުލަތެއް ގާއިމު ކުރަން އެ ޖަމާޢަތުން ދަނީ މަސައްކަތް ކުރަމުންނެވެ.