ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދު ކޮށްގެން ޙަމާސް ޖަމާޢަތާ ދެކޮޅަށް ޒަޔަނިސްޓު އިސްރާޢީލުގެ އިސްތިޢުމާރީ ފައުޖުން ފަށާފައިވާ ހަނގުރާމައިގައި ކާމިޔާބީއެއް އަދި ކުރިއެރުމެއް ނުލިބޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ޔަހޫދީންނަށް އިންޒާރު ދެއްވައިފިއެވެ. އޭނާ ވިދާޅުވީ، ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުންދާ ނަމަ، އެ މީހުން ޙަމާސް ޖަމާޢަތާ ދިމާލަށް އެނބުރުން ނުހުއްޓުވޭނެ ކަމުގައެވެ.
"ޣައްޒާގެ ޢާންމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް [އެމެރިކާއިން] އިސްރާޢީލަށް ބާރު އަޅަމުން ގެންދާނަން. އަދި، ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ވައްދަން ބާރު އަޅާނަން. ފުރަތަމަ ކަމަކަށް، އެއީ އެންމެ ހެޔޮ ގޮތް. އަދި، އެއީ އެންމެ ރަނގަޅު ސިޔާސަތު،" އޮސްޓިން ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެފައިވީ ނަމަވެސް ފާހަގަކުރަން ޖެހޭ މުހިންމު ކަމަކީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ އުދުވާންތައް ހިންގަމުން ދަނީ އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމެވެ. އަދި، އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރާއި އަސްކަރީ އެހީތެރިކަމާ އެކުގައި ކަމެވެ.
ޔަހޫދީ ފައުޖުން ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާ ދެކޮޅަށް ކަމަށް ބުނެ ފަށާފައިވާ ހަނގުރާމައަކީ، އެމެރިކާއިން އައިސިސްގެ ޓެރެރިސްޓުންނާ ދެކޮޅަށް ކުރި ހަނގުރާމައާ އެއްފަދަ ހަނގުރާމައެއްގެ ގޮތުގައި އޮސްޓިން ސިފަ ކުރެއްވިއެވެ. އަދި، ޢާންމުން ދިރިއުޅޭ ރަށެއްގެ ތެރޭގައި ހަނގުރާމަ ކުރާއިރު، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ، އެ ރަށެއްގެ ޢާންމު ރައްޔިތުންގެ ފުރާނައަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
"މި ކަހަލަ ހަނގުރާމައެއްގައި އެންމެ މުހިންމު އެއްޗަކީ [ނުވަތަ ބަޔަކީ] އެ ސަރަޙައްދެއްގައި ދިރިއުޅޭ ޢާންމު ރައްޔިތުން. އަހަރުމެންގެ ދުޝްމަނުން [ޙަމާސް]ގެ މުށުތެރެއަށް އެ މީހުން ވަނުމުގެ ފުރުޞަތު ދީގެން ނުވާނެ. އެހެންވެ، ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމާ ދެކޮޅަށް އެމެރިކާއިން މި ދަނީ ތަކުރާރުކޮށް ވަކާލާތު ކުރަމުން،" އޮސްޓިން ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 16,000 އަށް އެރުމާ ގާތްވެފައެވެ. އޭގެ ތެރޭގައި 6,500 އެއްހާ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 6,000 އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ބުނެއެވެ. މި އުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,000 އަށް އަރާފައެވެ.