ވިހެއުމަށްފަހު ތުއްތު ކުއްޖަކު އެއްލާލާފައި އޮތް މައްސަލައާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލަންކާ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ، ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 30 އަހަރު އަންހެނެއްކަމަށެވެ. އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، އދ.ދިގުރަށުން މާލެ އައިސް، ލައްކާއަށް ފުރަންގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަން އެއަރޕޯޓުންކަމަށެވެ.
މަޢުލޫމާތުލިބޭގޮތުގައި، މިއަންހެން މީހާއަކީ އެރަށުގައި ވަޒީފާއަދާކުރާ މީހެކެވެ.
އދ.ދިގުރަށުގައި، ވިހެއުމަށްފަހު ތުއްތު ކުއްޖަކު އެއްލާލާފައި އޮތްވާ ފެނުނީ މިއަދު ހެނދުނު އެރަށު ކުނިގޮނޑުންނެވެ.
ކުއްޖާ ފެނުނީ، ގޭގެއިން އުކާލާ ކުނި، ވަކިކޮށް ނައްތާލުމުގެ މަސައްކަތް ކުރަމުންދިޔަ މީހަކަށެވެ. އެމީހާއަށް ކުއްޖާ ފެނުނުއިރު އޮތީ، ޕްލާސްޓިކް ކޮތަޅަކަށްލާ ކުނިތަކުގެ ތެރެއަށް އެއްލާލާފައި ކަމަށް، އެމަންޒަރު ފެނުނު މީހަކު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދީފައިވެއެވެ. އެމީހާ ބުނެފައިވަނީ ބަލާބެލުމަށް އެއީ، ދުވަސްފުރާ ވިހާފައިވާ ކުއްޖެއް ކަމަށް ބެލެވޭކަމަށެވެ. އެއީ ރޭގެ ވަގުތެއްގައިި ވިހާފައިވާ ކުއްޖެއް ކަމަށް ބެލެވޭކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
ފުލުހުންނަށް މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރުއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެކުއްޖާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް، މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ތުއްތު ކުއްޖާގެ ހަށިގަނޑު މިވަގުތު އޮތީ ދިގުރަށު ސިއްޙީ މަރުކަޒުގައެވެ. އެ ކުއްޖާގެ ހަށިގަނޑާއިމެދު ކަން ކުރާނެގޮތާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަޙްޤީގުކުރަމުންނެވެ.