ޚަބަރު

ކުރިމަގުގައި ރާއްޖެއިން މިސްރާބު ޖަހާނީ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމަކަށް: ރައީސުލްޖުމްހޫރިއްޔާ


  • އަމާޒަކީ ރާއްޖެއިން ބޭނުންކުރާ ހަކަތައިގެ %33އަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުން

  • ސްޕެޝަލް އިކޮނޮމިކް ޒޯންގައި ބޭރު މީހުންނަށް އިންވެސްޓްކުރުމުގެ ފުރުޞަތުވަނީ ހުޅުވާލާފައި

  • އިސްކަންދޭނީ އިޢާދަކުރަނިވި ހަކަތައާއި ތިމާވެއްޓާއި ރައްޓެހި އިންވެސްޓްމަންޓުތަކަށް

ކުރިމަގުގައި ރާއްޖެއިން މިސްރާބު ޖަހާނީ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީއާއި، ކޮޕް 28 ގައި ބައިވެރިވެވަޑައިގަތުމަށް އެކުވެރި ޢަރަބި ޢިމާރާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު މިހާރު ހުރީ 4 އިންސައްތާގައި ކަމަށެވެ. އަދި މި ފަސްއަހަރު ނިމިގެންދާއިރު، ރާއްޖެއިން ބޭނުންކުރާ ހަކަތައިގެ ތިންބައިކުޅަ އެއްބައި ނުވަތަ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 750 މިލިއަން ޑޮލަރު ތެލަށް ޚަރަދުކުރަންޖެހޭ ކަމަށާއި، ނަމަވެސް އެއީ ފައިދާހުރި ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދޭނެ ނިޒާމެއް ޤާއިމްކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ކުރިއަށް އޮތްތާގައި ރާއްޖޭގެ ރާސްތާއަކަށް ވެގެންދާނީ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމަކީ އަބަދާއަބަދު ތެޔޮ އެތެރެކޮށްގެން ބަޖެޓުން އަހަރަކު 750 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އަޅުގަނޑުމެންގެ ހަކަތައިގެ ކަންތައްތައް ހަމަޖައްސާ ޤައުމަކަށްވެގެން އޮތުމަކީ ކުރެވޭނެ ކަމެއް ނޫން. އެހެންވީމަ، ދެމެހެއްޓެނިވި ތަރައްޤީއަށް ދާ ކަމަށްވަންޏާމު، ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ދާންޖެހޭނެ. އެހެންވީމަ އިޢާދަކުރެވޭ ހަކަތައިގެ ނިޒާމަކީ އަޅުގަނޑުމެންގެ ކުރިއަށް އޮތްތަނުގެ ރާސްތާ ބައްޓަންވާނެ ދިމާ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތުރުފުޅުގައި ތުރުކީއާއިއެކު ބޭއްވުނު ބައްދަލުވުންތަކުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި ވިޔާފާރީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ވިޔާފަރިތައް ފުޅާވެގެންދާނެ ކަމަށެވެ. އަދި ތުރުކީއާއިއެކު، އިޤުތިޞާތީ އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމަށް ވެސް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖެއަށް ބޭރުގެ އިންވެސްޓްމެންޓުތައް އިތުރު ކުރުމާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ކޮންމެ ޤައުމަކަށްވެސް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ފަރާތްތަކަށް ހުޅުވާލާފައި މިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބެނެފިޓް. އެއީ އަޅުގަނޑުމެންގެ އިޤުތިޞާދު ފުޅާ ކުރުމުގައި ކުރިއަށް އޮތްތަނުގައި އެންމެ މުހިންމު ކަމެއް ދޭނެ ޒަރިއްޔާ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ އިޤުތިޞާދު ފުޅާ ކުރުމުގައި އެންމެ މުހިންމުކަމެއް ދޭ ޒަރިއްޔާއަށް ކަމަށެވެ. އެގޮތުން، އެސްއީޒެޑުން އިންވެސްޓްމަންޓުތަކަށް ފުރުޞަތު ދެއްވާއިރު، އިޢާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓުތަކަށާއި، ތިމާވެއްޓާއި ރައްޓެހި އިންވެސްޓްމަންޓުތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތުރުކީއަށާއި، ދުބާއީއަށް ކުރެެއްވި މިދަތުރުފުޅުގައި ޤައުމުތަކުގެ އިސްވެރިންނާއި، ދުނިޔޭގެ ނަން މަޝްހޫރު ބޭންކުތަކާއި، ބޭރުގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މިބައްދަލުވުންތަކުގެ ސަބަބުން ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތަކާއި، ލުއި ލޯނުތައް ލިބުމުގެ މަގު ފަހި ވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންއަކީ ރާއްޖޭގައި އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދުތަކެކެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން އެންމެ ފުރަތަމަ ތަޢާރަފް ކޮށްފައިވަނީ ކުރީގެ ރައީސް، ޔާމީންގެ ސަރުކާރުގައެވެ.