ޚަބަރު

ތުރުކީއަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމުގެ މަސައްކަތް ފެށިއްޖެ: ރައީސް


  • ޓެރިފް ކުޑަކުރުމުގެ މަސައްކަތްވަނީ ފަށާފައި

  • ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައިވަނީ ޓެރިފް ކުޑަކުރާމާގުޅޭ ގިނަ މަޝްވަރާތައް ކުރައްވާފައި

ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓު ކުރާ ކަނޑުމަހުން ނަގާ ޓެރިފް ކުޑަކުރުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތަށާއި، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ އިތުރުން އެޤައުމުގެ އެކި ދާއިރާތަކުން ސަރުކާރުގެ މަތީ ފަންތީގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ވިޔަފާރީގެ މުއާމަލާތްތައް މަދުވެގެން ދެގުނަކުރުމަށް ނިންމާފައިވާއިރު، ރާއްޖެއިން އެޤައުމަށް އެކްސްޕޯޓުކުރާ މަހުގެ ޓެރިފް ކުޑަކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.

" މަހުގެ އެކްސްޕޯޓު ރާއްޖެއިން ތުރުކީއަށް ކުރެވޭނެގޮތެއް، ވަރަށް ޕޮޒިޓިވްކޮށް ބަލައިގަނެފައިވަނީ، ވަރަށް ކުޑަ ޓެރިފެއްގައި އެކްސްޕޯޓުކުރެވޭނެ ގޮތެއް ބަލާ ހަމަޖެއްސުމުގެ މަސައްކަތްވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ތުރުކީގެ ރައީސްގެ އިތުރުން އިގްތިސާދީ، އިޖްތިމާއި އަދި އުމްރާނީ ތަރައްގީގެ ދާއިރާތަކާއި ގުޅޭ ވަޒީރުންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ވިޔަފާރީގެ ތަފާތު އެކި ދާއިރާތަކުން ކާމިޔާބު މަޝްވަރާތަކެއް ތުރުކީގެ ދަތުރުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ތުރުކީއަށް ވަޑައިގަތީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގެންނެވީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.