ސިއްހަތު

ނޭޝަނަލް ހެލްތް ލެބޯޓަރީ ތަރައްޤީކުރުމަށް އެހީ ހޯދަނީ


ނޭޝަނަލް ހެލްތް ލެބޯޓަރީ އިތުރަށް ތަރައްޤީކުރައްވަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި ލެބޯޓަރީގެ ތަރައްޤީއަށް ކުރައްވާ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ، އެތަނުގެ ޖާގައިގެ ދަތިކަންކަމަށެވެ. ނޭޝަނަލް ހެލްތް ލެބޯޓަރީއަކީ އެކި ކަހަލަ ކާބޯތަކެއްޗާއި ކެމިކަލް ތަޙުލީލުކުރުމަށް ހަދާފައިވާ ލެބޯޓަރީއެކެވެ. މި ލެބޯޓަރީ ޤާއިމްކުރައްވާފައިވަނީ ހެލްތް މިނިސްޓްރީވެސް ހިންގަވަމުން ގެންދަވާ ރޯޝަނީ ބިލްޑިންގައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތްތައް ހިގަމުންދާގޮތުގެ މަޢުލޫމާތު ހާމަކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ނޭޝަނަލް ހެލްތް ލެބޯޓަރީން މިހާރުވެސް ކާބޯތަކެއްޗާއި، ފެނާއި ކެމިކަލް އަދި މަހުގެ ބާވަތްތައް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ލެބޯޓަރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓެސްޓް ނުކުރެވޭ ސާމްޕަލްތަކުގެ ނަތީޖާތައް ހޯއްދަވަމުން ގެންދަވަނީ ރާއްޖޭއިން ބޭރަށް ފޮނުވައިގެންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލެބޯޓަރީގައި މަސައްކަތް ކުރައްވަނީ ބޭރުގެ އެކި ތަމްރީންތައް ލިބިފައި ތިބި ހުނަރުވެރި ބައެއްކަމަށާއި، އަދި ކުރިޔައް އޮތްތާނގައި ލެބޯޓަރީން ދެއްވާ ޚިދުމަތްތައް އިތުރުކުރައްވައި ތަރައްޤީކުރެއްވުމަށް ޑަބްލިއުއެޗްއޯއާއި ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުން އެހީ ހޯއްދަވައިގެން ތަރައްޤީކުރެއްވުމަށް ރާއްވަވާފައިވާކަމަށެވެ.

ނޭޝަނަލް ހެލްތް ލެބަކީ 2008 ވަނަ އަހަރު ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފެތޭގޮތަށް ކަނޑައެޅިފައިވާތަނެކެވެ.