ޚަބަރު

މާރާމާރީގައި ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި، ހާލު ސީރިއަސް


  • އޭނާއަށް މިހާރު ފަރުވާދެނީ އައިޖީއެމްއެޗްގައި

  • އޭނާ މާލެ ގެނެސްފައިވަނީ ރޭ 9:30 ކަންހާއިރު

  • އޭނާގެ ހާލު ސީރިއަސްވެ، މިހާރު އަންނަނީ އައިސީޔޫގައި ފަރުވާދެމުން

އައްޑޫ ސިޓީގައި ހިނގި ގްރޫޕު މާރާމާރީގައި ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އޭނާ މާލެ ގެނެސްފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާ ދިނުމަށް ރޭ 9:30 ކަންހާއިރުއެވެ. އައިޖީއެމްއެޗްއިން ވިދާޅުވީ އޭނާގެ ހާލު އަދިވެސް ސީރިއަސްކަމަށާއި، ފަރުވާދެނީ އައިސީޔޫގައިކަމަށެވެ.

އައްޑޫގައި ހިނގި ގުރޫޕް މާރާމާރިއާއި ގުޅިގެން ފުލުހުން އަންނަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18އ، 19އ، 20އ، އަދި 23 އަހަރުގެ މީހުންނެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވެއެވެ.

ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވީ، އައްޑޫ ސިޓީގައި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަފައިވާކަމަށެވެ.. އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.