ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް އޭއައިއައިބީން މާލީ އެހީ ހޯދަން މަޝްވަރާކޮށްފި


  • އޭއައިއައިބީގެ ރައީސާއި ޚާރިޖީ ވަޒީރު ވަނީ ބައްދަލުކުރައްވާފައި

  • ވަޒީރުވަނީ މަޝްރޫޢުތަކުގެ މައުލޫމާތުތައް ހިއްސާކޮށްފައި

  • ވީއައިއޭ ނިމުމުން ލިބޭނެ ކުރިއެރުންތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައި

ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކަށް، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައި.ބީން މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއިި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ޔޫ.އޭ.އީގައި މިހާރު ކުރިއަށްދާ ކޮޕް-28 ސަމިޓުގެ ހަވާސާގައި، އޭ.އައި.އައި.ބީގެ ރައީސް ޖިން ލީޗުންއާއި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އޭ.އައި.އައި.ބީގެ ރައީސް ޖިން ލިކުއިންއާއި އެކު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގެ އާބާދީ ބޮޑު ހިސާބުތައް ކަމުގައިވާ، އައްޑޫ ސިޓީއާއި ތިނަދޫ ސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކާއި، ސަރަހައްދީ އެއަރޕޯޓުތައް ތަރައްޤީކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެތެރެއިން އޭއައިއައިބީން މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުންވެސް ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

ޒަމީރު ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢުކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތްތައް 2024ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ސީޒަނަށް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކާއި، މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކުރިއެރުންތަކާއި ގުޅޭ މައުލޫމާތުތައްވެސް އައިއައިބީގެ ރައީސް ޖިން ލިޗުން އާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައި.ބީ އަކީ އޭޝިއާ ސަރަޙައްދުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ޤައުމުތަކުގެ ޢުމްރާނީ ތަރައްޤީއަށް ހިންގާ ތަފާތު މަޝްރޫޢުތަކަށް މާލީގޮތުންނާއި ފަންނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭންކެކެވެ.

52 މެމްބަރު ޤައުމާއެކު 2015 ވަނަ އަހަރުގެ ތެރޭގައި ވުޖޫދަށް އައި މި ބޭންކުގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 109 އަށް އަރާފައެވެ. ދިވެހިރާއްޖެއިން އޭ.އައި.އައި.ބީގެ މެމްބަރަކަށްވެފައިވަނީ 4 ޖެނުއަރީ 2016ގައެވެ.