އައްޑޫ ސިޓީގައި ހިނގި ގްރޫޕު މާރާމާރިއާއި ގުޅިގެން، 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފިއެވެ.
ފުލުހުން ގެންދަނީ މިމަރާމާރީއާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ. މިމައްސަލާގައި 4 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18އ، 19އ، 20އ، އަދި 23 އަހަރުގެ މީހުންނެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި ހިނގި މާރާމާރީއެއްގައި ޒަޚަމްކޮށްލި މީހެއްގެ ހާލު ސީރިއަސްވެސް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ފުލުހުން ވިދާޅުވީ ނޮވެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއް މާލޭގައި ހިނގާދިޔަ މާރާމާރިއާއި، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގާދިޔަ މާރާމާރިއާ ގުޅިގެން މާލެއާއި އައްޑޫސިޓީގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މާލެއިން އިތުރު ޓީމުތަކެއް އައްޑޫ ސިޓީއަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.