ޚަބަރު

ގްރީން ކްލައިމެޓް ފަންޑަށް 3 ބިލިޔަން ޑޮލަރު އެމެރިކާއިން ދެނީ


މޫސުމީ ބަދަލުތަކުގެ ގެއްލުން ލިބެމުންދާ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލާފައިވާ ގްރީން ކްލައިމެޓް ފަންޑަށް 3 ބިލިޔަން އެމެރިކާ ޑޮލަރު ހަދިޔާ ކުރަން އެމެރިކާއިން ނިންމައިފިއެވެ. ގްރީން ކްލައިމެޓް ފަންޑަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ޚާއްޞަ ކޮށްފައިވާ މި ފަދަ އެންމެ ބޮޑު ފަންޑެކެވެ.

އެ ފަންޑަށް 3 ބިލިޔަން އެމެރިކާ ޑޮލަރު ހަދިޔާ ކުރަން އެމެރިކާއިން ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ޤައުމުގެ ނައިބު ރައީސް ކަމަލާ ހެރިސްއެވެ. އޭނާ މި ކަން އިޢުލާނު ކުރައްވާފައި ވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ އ.ދގެ މޫސުމީ ބަދަލުތަކާ ބެހޭ 28 ވަނަ ބައްދަލުވުން [ޔޫ.އެން ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް28)] ސަމިޓުގައި ތަޤުރީރު ކުރައްވަމުންނެވެ.

ގްރީން ކްލައިމެޓް ފަންޑަށް މިހާރު ވެސް 20 ބިލިޔަން ޑޮލަރު ހަދިޔާ ކުރަން ގިނަ ޤައުމުތަކަކުން ވަނީ ވަޢުދުވެފައެވެ. މި ފަންޑަށް އިތުރު 3 ބިލިޔަން ޑޮލަރު ހަދިޔާ ކުރަން އެމެރިކާއިން ނިންމާފައިވާއިރު، އެ ޤައުމުން މީގެ ކުރިން ވެސް ވަނީ އެ ފަންޑަށް 2 ބިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަން އިޢުލާނު ކޮށްފައެވެ. ނަމަވެސް، ފަންޑަށް ފައިސާ ފޯރުކޮށްދެވޭނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުމާ އެކުގައެވެ.

ކޮޕް28 ސަމިޓުގައި ތަޤުރީރު ކުރައްވަމުން ހެރިސް ވިދާޅުވީ، އެމެރިކާއިން ހަދިޔާ ކުރަން ނިންމާފައިވާ ފައިސާ ޚަރަދު ކުރާނީ މޫސުމީ ބަދަލުތަކަށް ވިލުންވެރިކަން އިތުރު ކުރުމަށާއި، ތިމާވެއްޓާ ރަޙުމަތްތެރި ހަކަތަ އުފެއްދުމަށާއި، ތިމާވެއްޓާ ގުޅުން ހުރި މަޝްރޫޢުތަކަށް ކަމުގައެވެ. މިއީ، ގްރީން ކްލައިމެޓް ފަންޑަށް ފައިސާ ހޯދާ ދެވަނަ ފަހަރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މި ބުރުގައި 2024 އާއި 2027 ވަނަ އަހަރާ ދެމެދު ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑަށް 9.3 ބިލިޔަން އެމެރިކާ ޑޮލަރު ވަޢުދުވެފައިވާ ކަމުގައި ފަންޑު ބަލަހައްޓާ އިދާރާއިން ބުނެއެވެ. ނަމަވެސް، މިއީ މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކޮންމެ އަހަރަކަށް ބޭނުންވާނެ ކަމަށް ބެލެވޭ 250 ބިލިޔަން އެމެރިކާ ޑޮލަރާ އަޅައިބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމުގައި އ.ދއިން ބުނެއެވެ.